ފިލްމު "ދުރަންދަރު"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޒުވާން ބަތަލާ ސާރާ އަރުޖުން ހަގީގަތުގައި ބޭނުންވީ އެކްޓިންގް ދަސްކޮށްދޭ ސްކޫލަކުން އެ ހުނަރު އިތުރަށް ދަސްކޮށް އުނގެނުމަށް ކަމަށް ބަތަލާ ބުނެފިއެވެ.
ސާރާއަށް އެންމެ ފުރަތަމަ ފިލްމުތަކުން ފުރުސަތު ލިބެން ފެށީ އޭނާ ވަރަށް ކުޑައިރު ކަމަށާއި އޭރު އެކްޓު ކުރުމުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ނަމަވެސް ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައިސް ފިލްމު "ޕޮނިޔިން ސެލްވަން 2"އިން ލިބުނު ފުރުސަތާ އެކު އިތުރު ފިލްމީ ހުށަހެޅުންތައް އޭނާއަށް ލިބެންފެށި ކަމަށް ވަނީ ބުނެފައެވެ. އެކްޓިންގްއާ ގުޅޭ އިތުރު ތަމްރީނުތައް ހޯދުމުގެ މަސައްކަތަށް ތައްޔާރުވިއިރު ދެ ފިލްމަކުން ސާރާއަށް ފުރުސަތު ލިބިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި ފިލްމު "މެޖިކް" އަދި ބަތަލާ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ޔޫފޯރިއާ"އެވެ.

ސާރާ އަދި ރަންވީރު ސިންގް ފިލްމު "ދުރަންދަރު"ގެ މަންޒަރެއްގައި-- ފޮޓޯ/ ހިންދުންސްތާން ޓައިމްސް
ފިލްމު "ދުރަންދަރު"އިން ސާރާއަށް ފުރުސަތު ލިބުނީ މާފަހުން ކަމަށާއި އެ ފިލްމަށް އެއްބަސްވީ އެއީ މުޅިން ތަފާތު ކެރެކްޓާއެއް ބެލުންތެރިންނަށް ގެނެސްދިން ޗެލެންޖިންގް ރޯލަކަށް ވުމުން ކަމަށް ސާރާ ވަނީ ބުނެފައެވެ.
ސާރާ އަކީ އަބަދުވެސް ޒުވާނުންނާ ގުޅޭ މައުޟޫއުތަކަށް އުފައްދާ ފިލްމުތަކުގައި މަސައްކަތްކުރަން ޝައުގުވެރިވާ މީހެއް ކަމުން ފިލްމު "ޔޫފޯރިއާ"އަށް އެއްބަސްވީ އެއީ އެފަދަ ފިލްމަކަށް ވުމުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މިހާތަނަށް ސާރާ ކުޅެފައިވާ ފިލްމުތައް ބެލުންތެރިން ބަލައިގެންފައިވާތީއާ އަދި އާއްމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބަލާފައި ކިޔެވުން އިހަށް މަޑުޖައްސާލާފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ކުރިމަގުގައި ބަތަލާއަށް ލިބޭ ފުރުސަތުތައް ތަޖުރިބާކޮށް އެ ފިލްމުތަކަށް މަސައްކަތް ކުރުމަށް އިސްކަންދޭން ނިންމާފައިވާ ކަމަށް ސާރާ ވަނީ ބުނެފައެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމު "ދުރަންދަރު"ގެ ދެވަނަ ބައި މި އަހަރުގެ މާޗް މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާއިރު ދެވަނަ ބައިން ވެސް ސާރާ ފެންނާނެއެވެ.