ރާއްޖޭގައި ކްރިކެޓް ކުޅުން ތަރައްގީކޮށް، އެ ކުޅިވަރު ކުޅޭ މީހުން ބިނާކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންދާ މިލާން ކްރިކެޓް އެކެޑަމީގެ ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
ރާއްޖޭގައި ބާއްވަމުން އަންނަ ޓީ-20 ޕްރިމިއާ ލީގް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ހަތަރު އަހަރު މިލާން ކްރިކެޓް އެކެޑަމީން ހޯދާފައިވާތީ އެކަން ފާހަގަކޮށް ކުޅުންތެރިންނާއި އެހީތެރީންގެ އަގު ވަޒަންކުރުމަށް ބޭއްވި މި ހަފްލާގައި ކުޅިވަރުގެ ދާއިރާގެ ޚިދުމަތްތެރީންނާއި އެކެޑަމީގެ ކުޅުންތެރިން ބައިވެރިވިއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މި ހަފްލާގައި މިލާން ކްރިކެޓް އެކެޑަމީގެ ފައުންޑާ އަދި ރައީސް ފަރުހަތު ޖަލީލް ވިދާޅުވީ، މިލާން އެކެޑަމީން މިއަހަރުން ފެށިގެން ކްރިކެޓް ކުޅޭ ކުޑަކުދީން ބިނާކޮށް ތަރައްގީކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި އަންހެން ކްރިކެޓް ކުޅުންތެރިން އުފައްދައި، ތަމްރީނުކޮށް، މުބާރާތް ކުޅުމަށް އެ އެކެޑަމީން ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިލާން ކްރިކެޓް އެކެޑަމީގެ ކުލަގަދަ ކާމިޔާބީތައް ފާހަގަކުރަން ބޭއްވި ހަފްލާގައި ފަރުހަތު ވާހަކަދައްކަވަނީ -- ފޮޓޯ/ މިލާން ކްރިކެޓް އެކެޑަމީ
ނަމަވެސް މާލޭ ސަރަޙައްދުގައި އެކަށީގެންވާ ކްރިކެޓް ސްޓޭޑިއަމެއް ނެތުމުގެ ފަޅުކަން އިހުސާސްކުރެވޭ ކަމަށާއި އެކި ސަރުކާރުތަކުން މިކަމަށް ވައުދުތައް ވެފައިވީ ނަމަވެސް އަދިވެސް މިކަން ވުޖޫދުނުވެ އޮތުމުން ހިތާމަކުރައްވާކަމަށް ފަރުހަތު ވިދާޅުވިއެވެ. އަދި އޭނާގެ 45 އަހަރުގެ ކްރިކެޓް ޚިދުމަތުގައި މިކަމަށް އެދި ތަކުރާރުކޮށް އެކި ފަރާތްތަކުގެ އަރިހުގައި ދެންނެވުނު ނަމަވެސް އެކަން އަދިވެސް ނުވެ އޮތްކަން ފާހަގަކުރެއްވިއެވެ.
އެ ހަފްލާގައި ރާއްޖޭގެ ކްރިކެޓަށް ޚިދުމަތްކުރުމުގެ ރަން މެޑަލް މިލާން އެކެޑަމީގެ ފަރާތުން ދެ ފަރާތަކަށް ވަނީ އަރުވައިފައެވެ. އެއީ ކުރީގެ ކުޅިވަރާއި ޒުވާނުންނާބެހޭ ވަޒީރު ޑރ. މުޙައްމަދު ޒާހިރު ޙުސައިން އަދި ރާއްޖޭގައި ކްރިކެޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ ކޯޗް ނިލަންތަ ކޫރޭއެވެ.
މިލާން ކްރިކެޓް އެކެޑަމީން ބުނި ގޮތުގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ރަން މެޑަލްއެއް އެރުވީ, ރާއްޖޭގައި ކްރިކެޓް ކުޅެމުން އައި ވެލި ދަނޑުގައި ވިނަ އިންދަވައި ފެހިކޮށްދެއްވައި, އެ ދަނޑުގައި އެހެން ކުޅިވަރުތައް ނުކުޅެވޭ ގޮތް ހައްދަވައި، ފެންސުޖަހައި ވަކިކޮށްދެއްވައި، ކްރިކެޓް ކުރިއެރުވުމަށް އޭނާގެ ވަޒީރުކަމުގައި ދެއްވި އަހުމިއްޔަތާއި ކޮށްދެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ދެވަނަ ރަން މެޑަލް ނިލަންތަ ކޫރޭއަށް އެރުވީ ރާއްޖޭގައި ކްރިކެޓް ކޯޗެއްގެ ގޮތުގައި ގިނަ ކުޅުންތެރިންނަށް ތަމްރީނުދީ ތަރައްގީކުރުމުގައި އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވުމުންނެވެ.
މިލާން ކްރިކެޓް އެކެޑަމީގެ ކުލަގަދަ ކާމިޔާބީތައް ފާހަގަކުރަން ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ މިލާން ކްރިކެޓް އެކެޑަމީ
އެ ހަފްލާގައި, ފާއިތުވި މުބާރާތްތަކުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިންނަށާއި އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިންނަށް ހަނދާނީ ފިލަޔާއި ފައިސާގެ އިނާމު ވަނީ ދީފައެވެ. އަދި 2023 އިން 2025 އަށް މިލާން ކްރިކެޓް އެކެޑަމީއަށް ކްރިކެޓް ކުޅުނު ކުޅުންތެރިންގެ މެދުގައި ގުރުއަތުން ހޮވުނު ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމާއި އެއް ކުޅުންތެރިއަކަށް ޢުމްރާ ދަތުރެއް ވެސް ވަނީ ދީފައެވެ.
ދެހާސް ނުވަ ވަނަ އަހަރު މިލާން ކްރިކެޓް އެކެޑަމީ އުފަންވި ފަހުން މިހާތަނަށް އެ އެކެޑަމީގެ އަށް ކުޅުންތެރިއަކު ގައުމީ ކްރިކެޓް ޓީމުގައި ކުޅެފައި ވެއެވެ. އަދި ރާއްޖެއިން ބޭރުގެ މަތީ ފެންވަރުގެ ކުޅުންތެރިން ވެސް މިލާން ކްރިކެޓް ކްލަބަށް ކުޅެފައިވެއެވެ. މީގެ ހަ އަހަރު ކުރިން ފެށިގެން ކްލަބް ކްރިކެޓުގައި ވާދަކޮށް މިލާން ކްރިކެޓް ކްލަބުން މިހާތަނަށް ހަ ތަށި ކާމިޔާބުކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިލާން ސިކްސާސް ކްރިކެޓް މުބާރާތް މިއަންނަ ފެބްރުއަރީ މަހުގެ 13 އިން 14 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިލާން ކްރިކެޓް އެކެޑަމީއަކީ އެ އެކެޑަމީގެ ބާނީ ފަރުހަތު ޖަލީލާއި އޭނާގެ ޢާއިލާއާއި ރައްޓެހީންގެ އެހީތެރިކަމާއެކު ހިންގަމުން އަންނަ ވަރަށް ހިންގުންތެރި އަދި ކްރިކެޓަށް ލޯބިކުރާ ފަރާތްތަކަށް ބުރައަކަށް ނުވާ ގޮތަށް އެ ކުޅިވަރު ކުޅުމަށް މަގުފަހިކޮށްދޭ އެކެޑަމީއެކެވެ. އެގޮތުން އެ އެކެޑަމީއަކީ ފާއިތުވި 17 އަހަރުތެރޭ އެއްވެސް އުޖޫރައެއް ނުނަގައި މުޅިން ހިލޭ ސާބަހަށް ކުޅުންތެރިން ތަމްރީނުކޮށް މުބާރާތްތައް ބާއްވައި, ކުޅުންތެރީންނަށް ބޭނުންވާ ޖާޒީއާއި ކުޅޭ ކިޓްވެސް މުޅިން ހިލޭ ފޯރުކޮށްދިން އެކެޑަމީއެކެވެ.

2003 ވަނަ އަހަރު ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ސަރުކާރުން ފަރުހަތަށް ދިން ގައުމީ އިނާމު -- ފޮޓޯ/ ރައީސް އޮފީސް
ކުޅުންތެރިންގެ އާއިލާތައް ވެސް ހިމެނޭ ގޮތުން ވަރަށް ގިނަ އިތުރު ހަރަކާތްތައް ވެސް އެ އެކެޑަމީން އަންނަނީ ހިންގަމުންނެވެ.
މިލާން ކްރިކެޓް ކްލަބްގެ ބާނީ އަދި ރައީސް ފަރުހަތު ޖަލީލަކީ ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އަދި ކާމިޔާބު އެއް ކްރިކެޓް ކުޅުންތެރިޔާއެވެ. ކްރިކެޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ފަރުހަތަކީ ރާއްޖޭގެ ފުރަތަމަ ސްކޫލު ކްރިކެޓް ޓީމު 1984 ވަނަ އަހަރު އެކުލަވާލިއިރު އެ ޓީމުގެ ކެޕްޓަނެވެ. 1996 ވަނަ އަހަރާއި ހަމައަށް އެކި ފަހަރު މަތިން ގައުމީ ޓީމަށް ކުޅުއްވާފައިވާ ފަރުހަތު ވަނީ ކްރިކެޓް ބޯޑުގެ ޖެނަރަލް ސެކްޓަރީކަމާއި ވައިސް ޕްރެޒިޑެންޓްކަމުގެ މަގާމު ވެސް އަދާކޮށްފައެވެ.
އޮސްޓްރޭލިޔާގެ ލެވަލް ޓޫ އެޑްވާންސް ސެޓިފިކެޓް ކޯޗެއްގެ ގޮތުގައި ހުންނެވި ފަރުހަތަކީ އޭސީސީ ލެވަލްޓޫ އަމްޕަޔަރެއްވެސްމެއެވެ. ފަރުހަތު ވަނީ ކްރިކެޓްގެ އެންމެ މޮޅު ހޮވުންތެރިޔާ އަދި އުކުންތެރިޔާގެ މަގާމު ވެސް ހޯއްދަވާފައެވެ. ފަރުހަތު ޖަލީލް ކްރިކެޓް ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރައްވައި، ދިވެހި ސަރުކާރުން ވަނީ 2003 ވަނަ އަހަރު ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ޒުވާނުންގެ ޤައުމީ އިނާމާއި ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ކުޅުމާއި މީހުން ތަމްރީނުކުރުމުގެ ރޮނގުން 2015 ވަނަ އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް ދެއްވާފައެވެ.