ގުޅިފަޅުން 41 ގޯތި މިއަދު ހަވާލުކޮށްފި

ގުޅިފަޅުން ގޯތި ދޫކުރުން: މިއަދު ވަނީ 41 ގޯތި ހަވާލުކޮށްފައި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ބިންވެރިޔާ ސްކީމުގެ ދަށުން ކ. ގުޅީފަޅުން 41 ފަރާތަކާ މިއަދު ގޯތި ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން 41 ފަރާތަކާ މިއަދު ގޯތި ހަވާލުކޮށްފައިވާ ކަމަށެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހު ފެށިއިރު، މިދިޔަ އޮގަސްޓު މަހުގެ 28އާ ހަމައަށް 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވެއެވެ. އެފަހުން ގުޅިފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ 2024 ވަނަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރަކު ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށްފައިވެއެވެ. އެފަހުން ރަޖިސްޓްރީ ދޫކޮށްފައި ވަނީ އައު ލޭންޑް ޔޫޒް ޕްލޭންގެ ދަށުން އަލުން ގުރު ނެގުމަށް ފަހުގައެވެ.

ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ދޫކުރުމަށް ހެދި އެއްބަސްވުމުގައި ގާނޫނާ ފުށޫ އަރާ ކަމެއް ހުރި ކަމަށް ބުނެ މި ސަރުކާރުން އެއްބަސްވުމަށް ބަދަލުގެނެސްފައިވެއެވެ.

ގުޅިފަޅުން ގޯތި ދޫކުރުން: މިއަދު ވަނީ 41 ގޯތި ހަވާލުކޮށްފައި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ، ގުޅިފަޅުން ގޯތި ލިބޭ މީހެއްގެ ނަމުގައި 'މާލެ ސަރަހައްދުން' 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް, ހައުސިން މިނިސްޓްރީން އެކުލަވައިލި އައު އުސޫލެއްގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގޯއްޗެއް އޮތް ނަމަ' ކަމަށް ބަދަލުކޮށްފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުރިން ވިދާޅުވީ އެ ބަދަލު ގެންނަން ޖެހުނީ، ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ގޯތި ދޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްއިރު އެ މާއްދާއާ އެއްބަސްވުމާ ފުށޫ އަރާތީ ކަމަށެވެ.

އެ ބަދަލު ގެނައިކަން ހާމަކުރި ފަހުން، ގުޅިފަޅުން ގޯތި ލިބޭ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް