ޓްރަމްޕް، ޣައްޒާގެ "ބޯޑް އޮފް ޕީސް" އިފްތިތާހުކޮށްފި

ޓްރަމްޕް، ޣައްޒާގެ "ބޯޑް އޮފް ޕީސް" އިފްތިތާހުކޮށްފި -- ފޮޓޯ/ އޭޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް، ޣައްޒާގެ "ބޯޑް އޮފް ޕީސް" އިފްތިތާހުކޮށްފިއެވެ.

މި ބޯޑު އުފެއްދީ ސްވިޒަލޭންޑްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގައެއެވެ.

އެ ބޯޑުގެ ބޭނުމަކީ ޣައްޒާގެ މައްސަލަތައް ހައްލުކުރުން ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މައްސަލަތައް ހައްލުކުރުމަކީ ޓްރަމްޕްގެ ބޭނުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕް އިސްވެ ހުންނަވައިގެން އުފެއްދި މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ޓްރަމްޕް އަމިއްލަފުޅަށެވެ. އެ ޖަމިއްޔާގެ މެންބަރުކަން ކުރައްވާ އިތުރު ބޭފުޅުންނަކީ:

  • ޓޯނީ ބްލެއާ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު
  • އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާ
  • އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ
  • މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯފް
  • ފައިނޭންޝަލް ފާމް އެޕޯލޯ ގްލޯބަލް މެނޭޖްމަންޓްގެ ސީއީއޯ މާކް ރޯވަން
  • ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާ
  • އެމެރިކާގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ ރޮބަޓް ގެބްރިއެލް

މި ބޯޑުގައި ބައިވެރިވުމަށް އެދި ޓްރަމްޕް ވަނީ އެ ބޯޑުގެ ޗާޓަރުގެ ދެލިކޮޕީ 60 ގައުމަކަށް ފޮނުވައި މެންބަރުންނަށް ވުމުގެ ދައުވަތު އެ ގައުމުތަކަށް ދެއްވައިފައެވެ. ގިނަ ގައުމުތަކުން އެ ދައުވަތު މިހާރު ގަބޫލުކޮށްފައިވާއިރު އޭގެ ތެރޭގައި ހަންގޭރީ، ފްރާންސް، ޔޫއޭއީ ފަދަ ގައުމުތައް ހިމެނެއެވެ.

އެ ބޯޑު އުފައްދަަވައި ޓްރަމްޕް ވިދާޅުވީ ހުށަހެޅުއްވި ސުލްހައިގެ ބޯޑަށް 59 ގައުމަކުން ތާއީދު ކޮށްފައިވާ ކަމަށެވެ. ޣައްޒާއާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ހަމާސްއިން ވައުދުވި ގޮތަށް އަމަލު ކުރާނެ ކަމަށެވެ. ނަމަވެސް ހަމާސްގެ މެންބަރުންނަކީ އުފަންވިއިރު ވެސް އަތުގައި ރައިފަލް އޮތް ބައެއް ކަމަށް ވިދާޅުވެފައެވެ.

"އެ މީހުން ހަތިޔާރު ދޫކޮށްލަން ޖެހޭ، އެކަން ނުކޮށްފިނަމަ، އެ މީހުންގެ ނިމުން އަންނާނެ،" ޓްރަމްޕް އިންޒާރު ދެއްވިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި ފަލަސްތީނުގެ އޮފިޝަލުން ކަންބޮޑުވަނީ "ބޯޑް އޮފް ޕީސް" އަކީ އދ ގެ ވާދަވެރި ބޯޑަކަށް ވެދާނެތީއެވެ.

ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ވާސެން އަގަބެކިއަން ޝާހިން މި ހަފްތާގައި އިނގިރޭސިވިލާތުގެ ކޮންސިއުލޭޓަކާ ބައްދަލުކުރައްވައި ވިދާޅުވީ، އދ ގެ ބަދަލުގައި އެއްވެސް އިންތިގާލީ އިންސްޓިޓިއުޝަނަލް ފްރޭމްވޯކެއް ނުވަތަ މުއައްސަސާއެއް އުފައްދަން ނުޖެހޭނެކަމަށެވެ.

ހަމައެއާއެކު އިސްރާއީލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ބޯޑަށް އައްޔަން ކުރެއްވުމަކީ ފަލަސްތީނުގެ ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ކަމެއް ނޫން ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ ތާރިގް އަބޫ އައްޒޫމް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް