ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާގެ ބައެއް ޓަވަރުތަކުން މިރޭ ދަންވަރާއި ފަތިހާ ދެމެދު އެކި ވަގުތުތަކުގައި ފެން ކެނޑޭނެ ކަމަށް، ފެނުގެ ޚިދުމަތްދޭ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ)އިން މިރޭ ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އެމްޑަބްލިއުއެސްސީން ހިއްސާކުރި ޕޯސްޓެއްގައި ވަނީ ފަސް ހިޔާ ޓަވަރަކުން އެކި ވަގުތުތަކުގައި ފެން ކެނޑޭނެ ކަމަށެވެ.
އެއީ އެ ޓަވަރުތަކުގެ މީޓަރު ރޫމްތަކުގައި މަރާމާތުގެ މަސައްކަތެއް ކުރުމަށް ކަމަށް، އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ތިން ޓަވަރެއްގެ ބައެއް ފަންގިފިލާތަކުން ގިނަވެގެން އެއް ގަޑިއިރަށް ފެން ކެނޑޭއިރު، ދެ ޓަވަރަކުން ފެން ކެނޑޭނީ ގިނަވެގެން ބައި ގަޑިއިރަށެވެ. އެ ކުންފުނިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން:
- ހިޔާ ޓަވަރު 9 - ދަންވަރު 12 އިން 1 އަށް (އަށްވަނަ ފަންގިފިލާއިން 25ވަނަ ފަންގިފިލާއަށް)
- ހިޔާ ޓަވަރު 12 - ދަންވަރު 1 އިން 1:30 އަށް (ތިރީ ފަންގިފިލާއިން އަށްވަނަ ފަންގިފިލާއަށް)
- ހިޔާ ޓަވަރު 13 - ދަންވަރު 1:30 އިން މެންދަމު 2:30 އަށް (ހުރިހާ ފަންގިފިލާއަކުން)
- ހިޔާ ޓަވަރު 15 - މެންދަމު 2:30 އިން 3:30 އަށް (16ވަނަ ފަންގިފިލާއިން 25ވަނަ ފަންގިފިލާއަށް)
- ހިޔާ ޓަވަރު 16 - މެންދަމު 3:30 އިން ފަތިހު 4 އަށް (ތިރީ ފަންގިފިލާއިން އަށްވަނަ ފަންގިފިލާއަށް)
އެމްޑަބްލިއުއެސްސީން ވަނީ ދިމާވާނެ ދަތިތަަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.
މިދިޔަ މާރިޗު މަހު ހިޔާ ޓަވަރުތަކަށް ފެން ފޯރުކޮށްދޭ ބޫސްޓާ ޕަންޕު ސިސްޓަމަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ކުއްލި މަސައްކަތެއް ކުރުމަށްޓަކައި މި ޓަވަރުތަކުން ފެން ކަނޑާލިއެވެ.