އައްޑޫން ވަގަށް ނެގި ބަށިތަކެއްގެ ވެރިމީހާ ހޯދަނީ

ވަގަށް ނެގި ބަށިތައް: އޭގެ ވެރިފަރާތް ހޯދަން އައްޑޫ ފުލުހުން ވަނީ ޕޯސްޓްކޮށްފައި --

އައްޑޫ ސިޓީން ވަގަށް ނެގި ބަށިތަކަކާއި ވަޅޯމަސްތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ، މިއީ ހޯމަ ދުވަހު ގަން ޕޮލިހުގެ ފުލުހުން އައްޑޫ ފޭދޫން ހިފެހެއްޓި މީހެއްގެ އަތުން ފެނުނު ތަކެތި ކަމަށެވެ. އެ މީހާގެ އަތުން ފެނުނީ ވަޅޯމަސްތަކަކާއި ބަށިތަކެކެވެ.

އެ ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ވެރިފަރާތން ގަން ޕޮލިހުގެ ނަންބަރު 125 އަށް ގުޅައިގެން، އެ ތަކެތި ގެންދިއުން އެދޭ ކަމަށެވެ.

މި ފަހުން އައްޑޫ ސިޓީގައި މި ފަދަ ވައްކަންތައް ފެންމަތިވާ މިންވަރު އިތުރެވެ.

އެ ގޮތުން، މި ހަފުތާގެ އާދިއްތަ ދުވަހު އައްޑޫ ފުލުހުން ވަނީ ވަގަށް ނަގާފައިވާ ލަވްބާޑްތަކެއް ވެސް ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ބުނެފައެވެ. އޭގެ ކުރިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކެޔޮގަނޑުތަކަކާއި ކުރުނބާތަކެއްގެ ވެރި ފަރާތް ހޯދަން, މިދިޔަ މަހު23ގައި ވެސް އައްޑޫ ސިޓީ ފުލުހުން އިއުލާނުކުރިއެވެ.

އަދި، އެ މަހުގެ 16ގައި އަންގާރަ ދުވަހު ވެސް އައްޑޫ ސިޓީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 13 ކެޔޮގަނޑުގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފައިވެއެވެ. އަދި ހަމައެގޮތަށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުރުނބާތަކެއްގެ ވެރިފަރާތް ހޯދުމަށް ވެސް އެ މަހު ފުލުހުން އިއުލާނުކުރިއެވެ.

comment ކޮމެންޓް