ދެކުނު ކޮރެއާގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި، ހިޔުންޑާއީ މޮޓޯސްއިން އިންސާނުންނާ އެއްގޮތަށް ހަރަކާތްތެރިވާ "ހިއުމަނޮއިޑް" ނުވަތަ އިންސާނީ ރޮބޮޓުތައް މަސައްކަތުގެ މާހައުލަށް ނެރުމަށް ނިންމާފައިވާ ނިންމުމަށް, އެ ކުންފުނީގެ ލޭބާ ޔޫނިއަނުން ވަރުގަދަ އިންޒާރެއް ދީފިއެވެ.
އެ ޔޫނިއަނުން ބުނެފައިވަނީ މުވައްޒަފުންގެ އެއްބަސްވުމަކާ ނުލައި، އާ ޓެކްނޮލޮޖީގެ އެންމެ ރޮބޮޓެއް ވެސް މަސައްކަތުގެ މާހައުލަށް ވެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި، މިފަދަ ރޮބޮޓުތަކުގެ ސަބަބުން ވަޒީފާތަކަށް ބޮޑު ލޮޅުމެއް އަރާނެކަމުގެ ބިރު އެބައޮތް ކަމަށް ވެސް ޔޫނިއަނުން ފޮނުވި ސިޓީއެއްގައި ބުނެފައިވެއެވެ.
ހިޔުންޑާއީގެ ދަށުން ހިންގާ "ބޮސްޓަން ޑައިނަމިކްސް"އިން އުފައްދާފައިވާ "އެޓްލަސް" ރޮބޮޓުގެ އާ ފަރުމާ، މި މަހުގެ ކުރީކޮޅު ލާސް ވެގަސްގައި ބޭއްވި ސީއީއެސް މައުރަޒުގައި ވަނީ ދައްކާލާފައެވެ. ކުންފުނީގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް އަހަރަކު 30،000 ރޮބޮޓު އުފެއްދޭނެ ފެކްޓްރީއެއް ބިނާކުރުމެވެ. އަދި، އެ އަހަރުން ފެށިގެން އެމެރިކާގެ ޖޯޖިއާގައި ހުންނަ ހިޔުންޑާއީގެ ފެކްޓްރީގައި މި ރޮބޮޓުތައް ބޭނުންކުރަން ފެށުމަށް ވަނީ ރާވާފައެވެ.
މި އާ ޕްލޭނާ އެކު ހިޔުންޑާއީގެ ހިއްސާގެ އަގު ރިކޯޑު މިންވަރަކަށް މައްޗަށް ގޮސްފައިވީ ނަމަވެސް، މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި ކުންފުނިން މަސައްކަތްކުރަނީ މުވައްޒަފުން މަދުކޮށް، ޚަރަދު ކުޑަކޮށްގެން ފައިދާ އިތުރުކުރުމަށެވެ.
މީގެ އިތުރުން، ހިޔުންޑާއީން އެމެރިކާގައި އުފެއްދުންތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް ވެސް ޔޫނިއަނުން ވަނީ ފާޑުކިޔާފައެވެ. އެމެރިކާގެ ޓެރިފްތަކުން ސަލާމަތްވުމަށްޓަކައި ޖޯޖިއާގައި އަހަރަކު 500،000 ކާރު އުފެއްދޭނެ ފެކްޓްރީއެއް ބިނާކުރުމަކީ، ކޮރެއާގައި ހުރި ފެކްޓްރީތަކުގެ މަސައްކަތް މަދުވެ، ވަޒީފާގެ ރައްކާތެރިކަން ގެއްލިދާނެ ކަމެއް ކަމަށް ޔޫނިއަނުން ފާހަގަކުރެއެވެ.
މިކަމާ ގުޅޭގޮތުން ހިޔުންޑާއީ މޮޓޯސްއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ހިޔުންޑާއީއާއި ކިއާ މޮޓޯސްއަކީ މިހާރު ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ކާރު ވިއްކާ ކުންފުންޏެވެ.