އެމެޒޯން ކުންފުނިން ޑެލިވަރީ މަސައްކަތްތެރިންގެ ވަޒީފާތައް ބަދަލުކުރެވިދާނެ ހިއުމަނޮއިޑް ރޮބޮޓްތަކަށް ސޮފްޓްވެއާ ތައްޔާރުކުރަމުން އަންނަ ކަމަށް "ދަ އިންފޮމޭޝަން"އިން ރިޕޯޓްކޮށްފިއެވެ.
އެމެޒޯން ކުންފުނިން ސެންފްރެންސިސްކޯގައި ހުންނަ އެ ކުންފުނީގެ އޮފީސްތަކުގެ ތެރެއިން އެއް އޮފީހެއްގައި "ހިއުމަނޮއިޑް ޕާކް"އެއް ތައްޔާރުކުރަމުން އަންނަ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ރޮބޮޓްތައް ޓެސްޓްކުރުމަށް ހެދޭ އިންޑޯ އޮބްސްޓަކަލް ކޯހެކެވެ.
އެ ކުންފުނިން ގާތް މުސްތަޤްބަލެއްގައި މިފަދަ ރޮބޮޓްތައް ޓެސްޓްކުރަން ފަށާނެކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އެމެޒޯން ކުންފުނިން މިފަދަ ރޮބޮޓްތައް ހިންގުމަށް ބޭނުންވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސޮފްޓްވެއާ ތައްޔާރުކުރަމުން އަންނަ ކަމަށެވެ. މި ވަގުތު ޓެސްޓްތަކަށް އެހެން ކުންފުނިތަކުގެ ހާޑްވެއާ ބޭނުންކުރުމަށް ރާވާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ބުދަ ދުވަހު އެމެޒޯން ކުންފުނިން ހާމަކުރި އިތުރު އިޢުލާންތަކުގައި ސްޓޮކްރޫމް ރޮބޮޓްތަކާއި، ޑެލިވަރީ މުވައްޒަފުންނާއި، ގުދަންތަކަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފައިދާ ކުރާނެ ގޮތް ދައްކާފައިވެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ޕެކޭޖްތައް ފޯރުކޮށްދިނުން އަވަސްވެގެންދާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.
އެމެޒޯން ކުންފުނިން އަމިއްލައަށް ރޮބޮޓްތަކަށް ބޭނުންވާ އާޓިފިޝަލް އިންޓެލިޖެންސް ސޮފްޓްވެއާ ތައްޔާރުކުރަމުން އަންނަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މި އީ-ކޮމާސް ބިޔަ ކުންފުނިން މިކަން ކުރަމުން އަންނަކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި، ނަފީވެސް ކޮށްފައެއް ނުވެއެވެ.
އެމެޒޯން ކުންފުނީގެ ރޮބޮޓިކްސްގެ ދަތުރު ފެށުނީ 2012 ވަނަ އަހަރު ކީވާ ސިސްޓަމްސް 775 މިލިއަން ޑޮލަރަށް ގަތުމާ އެކުގައެވެ. އޭގެ ފަހުން 2019 ވަނަ އަހަރާ ހަމައަށް އެމެޒޯންގެ ގުދަންތަކުގައި 200,000 އަށްވުރެ ގިނަ ރޮބޮޓްތައް މަސައްކަތްކުރަމުން ދިޔައެވެ. މިހާރު އެމެޒޯންގައި 750,000 އަށްވުރެ ގިނަ ރޮބޮޓްތައް މުވައްޒަފުންނާ އެކު މަސައްކަތްކުރަމުންދެއެވެ. މީގެ ސަބަބުން ކުންފުނީގައި ރޮބޮޓިކްސްއާ ގުޅުންހުރި ހުނަރުވެރި ދާއިރާތަކުގައި 700 އަށްވުރެ ގިނަ އާ ވަޒީފާގެ ބާވަތްތައް އުފެދިފައިވެއެވެ.
ފަހަކަށް އައިސް، އެމެޒޯން ކުންފުނިން "ޑިޖިޓް" ނަމަކަށް ކިޔާ އެޖިލިޓީ ރޮބޮޓިކްސްގެ ހިއުމަނޮއިޑް ރޮބޮޓް އެ ކުންފުނީގެ ގުދަންތަކުގައި ޓެސްޓްކުރަމުންދެއެވެ. ޑިޖިޓް ފުރަތަމަ ބޭނުންކުރެވުނީ ޓޯޓް ކޮންސޮލިޑޭޝަން (ސްޓޮރޭޖް ކޮންޓެއިނަރުތައް އިންތިޒާމުކޮށް އަލުން ބެހެއްޓުން) އަށެވެ. އެމެޒޯން ކުންފުނިން ސީކުއޯއާ އަދި ޑިޖިޓް ނަމަކަށް ކިޔާ ދެ އައު ރޮބޮޓިކް ސިސްޓަމް ތަޢާރަފުކޮށްފައިވެއެވެ.
ސީކުއޯއާއިން ފުލްފިލްމަންޓް ސެންޓަރުތަކުގައި އިންވެންޓްރީ ދެނެގަނެ ރައްކާކުރުމުގެ މަސައްކަތް މިހާރަށްވުރެ 75 އިންސައްތަ އަވަސްކޮށްދެއެވެ. ޑިޖިޓްއަކީ ދެ ފައިން ހިނގާ ރޮބޮޓެކެވެ. މި ރޮބޮޓަށް ގުދަންތަކުގެ ތަފާތު ޖާގަތަކާއި ކަންމަތިތަކުގައި އެއްޗެހި ނަގައި، ހިފައި، އަދި ގެންގުޅެވެއެވެ.
އެމެޒޯން ކުންފުނިން ތަފާތު ހިއުމަނޮއިޑް ރޮބޮޓްތައް ޓެސްޓްކުރަމުންދެއެވެ. މީގެ ތެރޭގައި ޗައިނާގެ ޔުނިޓްރީ ކުންފުނީގެ 16,000 ޑޮލަރުގެ ރޮބޮޓެއް ވެސް ހިމެނެއެވެ. މިކަން 2020 ވަނަ އަހަރު އެމެޒޯން ކުންފުނިން ރޮބޮޓެކްސީ ކުންފުންޏެއް ކަމަށްވާ ޒޫކްސް ގަތުމާ ގުޅިފައިވެއެވެ. މިއީ ގުދަނުން ފެށިގެން ކަސްޓަމަރުންގެ ގޭގެ ދޮރާ ހަމައަށް ޕެކޭޖް ޑެލިވަރީގެ މުޅި މަރުހަލާ އޮޓޮމޭޓްކުރުމުގެ ރޭވުމެއް ކަމަށް ބެލެވެއެވެ.
މިހާރު އެމެޒޯންގެ ޑެލިވަރީ މަސައްކަތްތަކުގައި މުޅި ދުނިޔޭގައި އެތައް ހާސް މީހުން މަސައްކަތްކުރެއެވެ. އެމެޒޯން ކުންފުނިން ހާމަކޮށްފައިވާގޮތުގައި، ރޮބޮޓިކްސް ބޭނުންކުރާ ތަންތަނުގައި ރިކޯޑްކުރެވޭ ހާދިސާތަކާއި މަސައްކަތުން ވަގުތު ގެއްލޭ ހާދިސާތައް، ރޮބޮޓިކްސް ބޭނުންނުކުރާ ތަންތަނަށްވުރެ 15 އިންސައްތަ އަދި 18 އިންސައްތަ ދަށެވެ.
އެމެޒޯން ކުންފުނީގެ، ރޮބޮޓިކްސް ޑިޒައިންކުރުމުގައި މުވައްޒަފުންނާ އެކު މަސައްކަތްކުރެވޭ ގޮތަށް އަދި މުވައްޒަފުންނަށް އެހީތެރިވާ ގޮތަށް ބައްޓަންކުރުމަކީ އެ ކުންފުނީގެ މައިގަނޑު ފަލްސަފާއެކެވެ.