ރޯދަމަހު ކިޔަވައިދޭނީ ހަފުތާއަކަށް، ދަރިވަރުންނަށް ބޮޑު ޗުއްޓީއެއް

ދަރިވަރެއް: ރޯދަ މަހު ސުކޫލުތަކުގައި ހަފުތާއަކަށް ކިޔައިދިނުމަށް ފަހު، ދަރިވަރުންނަށް ދިގު ޗުއްޓީއެއް ލިބޭނެ! -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ރޯދަ މަހު ސުކޫލުތަކުގައި ކިޔަވައިދޭނީ ހަފުތާއަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އިއްޔެ ވަނީ ދިރާސީ އާ އަހަރުގެ ކަލަންޑަރު އާންމުކޮށްފައެވެ. އެ ކަލަންޑަރުގައި ވަނީ ސުކޫލުތަކުގައި ކިޔަވާނެ ދުވަސްތަކާއި ބަންދު ދުވަސްތަކާއި މުހިންމު ދުވަސްތައް ފާހަގަކޮށްފައެވެ.

މި ގޮތުން، މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ދަރިވަރުންގެ ކިޔެވުން އަންނަ އަންގާރައިގައި ފަށާނެއެވެ. އެއަށް ފަހު، ކިޔެވުން ކުރިއަށް ދާނީ 14 ދުވަހުގެ ނިޔަލަށެވެ. އަންނަ މަހު 18 ގައި ރޯދަ މަސް ފެށޭނެއެވެ.

ރޯދަ މަހު ކިޔަވައިދޭނީ 22 އިން 26ގެ ނިޔަލަށް ހަފުތާއަކަށް އެކަންޏެވެ. ހަފުތާ ބަންދަށް ފަހު، އަންނަ މާރިޗު އެކަކުން އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނީ ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ޕީޑީ) ދުވަސްތަކެވެ.

އެއަށް ފަހު، މާރިޗު ނުވައަކުން 19ގެ ނިޔަލަށް ވަނީ ރޯދައިގެ ފަހު ދިހައަކަށެވެ. އެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވާތީ، ސުކޫލުތައް ހުޅުވޭނީ މާރިޗު 23 ގައެވެ.

އެހެންވެ، ދަރިވަރުންނަށް ރޯދަ މަހު 26 ދުވަހުގެ ދިގު ޗުއްޓީއެއް ލިބޭނެއެވެ.

comment ކޮމެންޓް