ސިއްހަތު ތަން ނުދޭތީ، އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ޒާކިރު ޚާން ބޮޑު ބްރޭކަކަށް

އިންޑިއާގެ ސްޓޭންޑް-އަޕް ކޮމީޑިއަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އާއްމުންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިންޑިއާގެ މަޝްހޫރު ސްޓޭންޑް-އަޕް ކޮމީޑިއަން ޒާކިރު ޚާން ކޮމެޑީ ޝޯތަކުން ބޮޑު ބްރޭކެއް ނަގަން ނިންމިކަން އިއުލާނުކޮށްފިއެވެ.

ޒާކިރު ޚާން ކޮމެޑީ ޝޯތަކުން ބްރޭކަކަށް ދާން ނިންމިކިން އިއުލާނުކޮށްފައިވަނީ މަސައްކަތުން ދުވަސްކޮޅަކަށް ދުރަށްދިޔަކަން މިދިޔަ އަހަރު އިއުލާނުކޮށްފައިވަނިކޮށެވެ. އޭރު ޒާކިރު ބުނީ ޝޯތައް ދިނުން މެދުކަނޑާލީ މަސްތަކެއް ވަންދެން ކަމަށެވެ.

ނަމަވެސް, ދާދި ފަހުން އިންޑިއާގެ ހައިދަރުއާބާދުގައި ބޭއްވި ޝޯއެއްގައި ކުޅަދާނަ ކޮމީޑިއަން ބުނީ މަސައްކަތުން ވަރަށް ބޮޑު ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށާއި އެނބުރި އަންނަން ފަސް ވަރަކަށް އަހަރު ނެގުން އެކަށީގެންވާ ކަމަށެވެ.

ޒާކިރު ޚާން ކޮމެޑީ ޝޯއެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ އެތައް ސިޓީތަކެއްގައި ޝޯތަކެއް ދިނުމުގެ އިތުރުން ބޭރު ޤައުމުތަކުގައި ވެސް ސްޓޭންޑް-އަޕް ކޮމެޑީ ޝޯތަކެއް ދީފައިވާ ޒާކިރު ބުނީ މަސައްކަތުން ދުރުހެލިވަނީ އޭނާގެ ސިއްހަތު އެކަމަށް ތަންނުދިނުމުން ކަމަށާއި ސިއްހަތަށް ސަމާލުކަންދީ ދިރިއުޅުމުގެ އެހެނިހެން ބައެއް ކަންކަމަށް ވެސް ވަގުތު ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ވޭތުވެދިޔަ 10 އަހަރުތެރޭ ޒާކިރު މެދު ކެނޑުމެއްނެތި ޝޯތަކެއް ދެމުން އަންނައިރު މިދިޔަ އަހަރެއްހާ ދުވަހު އޭނާ އުޅުނީ ސިއްހީގޮތުން ދިމާވެފައިވާ ބައްޔަކަށް ފަރުވާ ހޯދަމުން ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް, އެ ބައްޔާގުޅޭ ތަފުސީލެއް މިހާތަނަށް ޒާކިރު ހާމައެއް ނުކުރެއެވެ.

އެހެންވެ, ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާއަށް މިހާރު އެންމެ މުހިއްމީ ސިއްހަތަށް ސަމާލުވެ ހަށިގަނޑަށް ބޭނުންވާ އަރާމު ހޯދުން ކަމަށް ޒާކިރު ވަނީ ބުނެފައެވެ.

ޒާކިރުގެ ޝޯ ބަލަން އެއްވާ އޯޑިއަންސަކީ އޭނާގެ ހިތުން ވަރަށް ޚާއްސަ ޖާގައެއް ހޯދާފައިވާ ބައެއް ކަމަށާއި އާއްމުންގެ ފަރާތުން މިހާތަނަށް ލިބެމުން އައި ލޯތްބާއި ތަރުހީބަށް އަބަދު ވެސް ޝުކުރުވެރިވާނެ ކަމަށް ޒާކިރު މިކަމާ ގުޅިގެން އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ.

ކޮމެޑީ ޝޯތަކުން ބްރޭކެއް ނަގަން ޒާކިރު ނިންމާފައިވަނީ މިހާރު ފަށާފައިވާ އިންޑިއާ ޓުއާ ނިމުމުންނެވެ. އެހެންވެ، މި އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިންޑިއާގެ އެކި ސިޓީތަކުގައި ޒާކިރު ޝޯ ދޭނެ ކަމަށާއި ވީހާ ވެސް ގިނަ ބަޔަކު އެ ޝޯތަކުގައި ބައިވެރިވުމަކީ ޒާކިރުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ކޮމީޑިއަން ޒާކިރު ޚާންއަކީ އެމެރިކާގެ ނިއު ޔޯކް ޓައިމްސްގައި ހިންދީ ބަހުން ޕާފޯމް ކުރި ހަމައެކަނި އިންޑީއާގެ ކޮމީޑިއަންއެވެ.

comment ކޮމެންޓް