ޝާހިދުގެ ފިލްމު 'އޯ ރޯމިއޯ'ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރުގެ ފިލްމު "އޯ ރޯމިއޯ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި އަހަރު ރިލީޒްކުރާ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މި ފިލްމަކީ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ވިޝާލް ބަރަދުވާޖްގެ އުފެއްދުމެކެވެ. މިއީ ވިޝާލާ އެކު ޝާހިދު މަސައްކަތްކުރި ހަތަރު ވަނަ ފިލްމެވެ. ވިޝާލާ އެކު ޝާހިދު ކުރިން މަސައްކަތްކުރި ފިލްމުތައް ކަމަށްވާ "ރަންގޫން"، "ހައިދަރު" އަދި "ކަމީނޭ"އަކީ ވެސް ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމުތަކެކެވެ.

ޝާހިދާ އެކު ބަތަލާގެ ރޯލުން ތުރިޕްތީ ދިމްރީ ފެންނާނެ "އޯ ރޯމިއޯ"އަކީ އެކްޓަރުގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ބެލުންތެރިން ތަޖުރިބާކުރާނެ ފިލްމެކެވެ. މި ދެ ތަރިންގެ އިތުރުން "އޯ ރޯމިއޯ"ގެ ކާސްޓުން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ އަވީނާޝް ތިވާރީ، ވިކްރާންތު މަސީ، ދިޝާ ޕަޓާނީ، ނާނާ ޕަޓޭކަރު، ފަރީދާ ޖަލާލު އަދި ތަމަންނާ ބާޓިއާ ހިމެނެއެވެ.

ފިލްމު "އޯ ރޯމިއޯ"ގެ ފަސްޓް-ލުކް ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

މިއީ ތުރިޕްތީއާ އެކު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި އެކްޓަރު އަވީނާޝް ތިވާރީ މުޅިން ތަފާތު ލުކެއްގައި ފެންނާނެ ފިލްމެކެވެ. ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނިން ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ ވެސް ޚުދު ސާޖިދެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

ޝާހިދު ވަރަށް ވަރުގަދަ ގޭންގްސްޓާއެއްގެ ރޯލް ކުޅޭ މި ފިލްމަކީ އޭގައި ލޯބީގެ ރަހަތަކެއް ވެސް އެކުލެވޭ ފިލްމެކެވެ. ފިލްމު "އޯ ރޯމިއޯ" އަކީ މުމްބާއީގައި އެއްއިރެއްގައި ރަސްކަންކުރި ގޭންގްސްޓާރެއް ކަމަށްވާ ހުސައިން އުސްތާރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމުގައި ދައްކުވައިދެނީ ހުސައިން އުސްތާރާގެ އޭރުގެ އެންމެ ބޮޑު ދުޝްމަނެއް ކަމަށްވާ ދާވޫދު އިބްރާހީމް ކިޔާ މީހަކާ އެކު ހިނގި ވަރުގަދަ ހަމަނުޖެހުންތަކެއްގެ ހާދިސާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

comment ކޮމެންޓް