266 ގްރާމް ޑުރަގާއި ގިނަ އަދަދެއްގެ ފައިސާއާ އެކު 2 މީހުން ހައްޔަރުކޮށްފި

މާލޭގެ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކީ ދެ މީހުން ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މި މައްސަލައިގައި ހައްޔަރުކުރީ، ގއ. ވިލިނގިލި، ބުލާފަރުގެ، އަމްޖަދު ރިޤާބް (36އ)އާއި ށ. ނޫމަރާ، މޯނިންސްޓާ، މުޙައްމަދު ނާއިފް (28އ)އެވެ.

ފުލުހުން ބުނީ، މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 266.29 ގުރާމު ހުރި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިގާބު ފަސް ދުވަހަށް ބަންދުކޮށް، ނާއިފް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، މިދިޔަ އަހަރު ތެރޭ އެފަދަ 1,989 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. އެއީ ފުލުހުންނަށް ރިޕޯޓުކުރި މައްސަލަތަކުގެ ބާވަތަށް ބަލާއިރު، ތިންވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކެވެ.

comment ކޮމެންޓް