ގިނަ އަހަރުތަކެއް ވަންދެން ތައުލީމީ ދާއިރާއަށް ޚިދުމަތްކޮށްދެއްވި އާމިނަތު ހަސަން (އައިންތު މިސް) މިއަދުގެ ނިޔާވެއްޖެއެވެ.
ތައުލީމީ ދާއިރާއަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި އައިންތު މިސް، އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވީ އަމީނިއްޔާ ސްކޫލުގައެވެ. އޭނާއަކީ ދިވެހި މުދައްރިސެކެވެ. ދިރިއުޅުމުގެ ބޮޑުބައެއް ހޭދަކުރެއްވީ އެ މާއްދާ އުނގަންނައިދެއްވުމުގައެވެ.
އެނގިފައިވާ ގޮތުގައި އައިންތު މިސް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށެވެ. ފަރުވާ ހޯއްދަވާތާ އަހަރެއްހާ ދުވަސްވެފައިވާކަން ވަނީ އެނގިފައެވެ. ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ހޯއްދަވަނިކޮށެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 58 އެކެވެ.
އައިންތު މިސްއަކީ ދިވެހި މާއްދާއިން ޑިގުރީ ހާސިލުކުރެއްވި ފުރަތަމަ ބެޗުން ދަސްވެނިވެވަޑައިގެން ބޭފުޅެކެވެ. އޭނާ ވަނީ ހަޔާތުގެ ބޮޑު ބައެއްގައި ދިވެހިބަހަށް ޚިދުމަތްކުރައްވާފައެވެ.
މީގެ އިތުރުން، 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުކަމަށް ވެސް އޭނާ އައްޔަންކުރައްވާފައެވެ. އޭގެ ކުރިން 2014 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަން ވެސް އޭނާ ކުރެއްވިއެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އައިންތު މިސް ވަނީ އަމިއްލަ ގޮތުން މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާފައެވެ.
އައިންތު މިސް ވަނީ ރާއްޖޭގައި ޓީޗާސް އެސޯސިއޭޝަނެއް އުފެއްދުމުގައި ވެސް ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ. ޓީޗަރުންގެ މުސާރައާއި މަސައްކަތުގެ މާހައުލު ރަނގަޅުކުރަން 2008 ވަނަ އަހަރު ޓީޗަރުން ރާވައި ހިންގި ހަޅުތާލުގައި އައިންތު މިސް ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ.