ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މާލެ ސަރަޙައްދުގައި ގާއިމުކުރާ ތިން ސްޕޯޓްސް ކޮމްޕްލެކްސް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ހަވާލުކޮށްފިއެވެ.
މާލެ ސަރަޙައްދުގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރަނީ ހުޅުމާލެ ފޭސް އެކެއް، ހުޅުމާލެ ފޭސް ދޭއް އަދި ވިލިމާލޭގައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ. ކުޅިވަރު ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިއުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ.
ސަރުކާރުން މުޅި ރާއްޖޭގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރައްވާނެކަމަށް ރައީސް މުޢިއްޒު ވަނީ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކާއި، ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މީގެ ކުރިން ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެއާޕޯޓުތައް ބަލަހައްޓާ ކުންފުނި، އެމްއޭސީއެލްއަށް މީގެ ކުރިން ވެސް އެ އެއާޕޯޓުގެ މެންޑޭޓުގައި ނުހިމެނޭ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވެއެވެ. އޭގެ ތެރޭގައި ރަށްރަށުގެ އައުޓްޑޯ ޖިމްތައް ގާއިމުކުރުމަށް ވެސް އެ ކުންފުންޏާ ހަވާލުކުރިއެވެ.
އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އެކަމަށް އަމާޒުވެފައެވެ.
ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރާނީ އެކި ކުޅިވަރުތައް ކުޅެވޭ ގޮތަށް ސަޕޯޓަރުންގެ ޖާގަ ވެސް ހިމަނައިގެންނެވެ. އަދި، އިޖުތިމާއީ މުހިއްމު ހަރަކާތްތައް ވެސް ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ޖާގައިގައި ކުރިއަށްގެންދެވޭނެއެވެ.