ތިން ރަށެއްގައި އިސްލާމީ މަރުކަޒު އަޅަން ހަވާލުކޮށްފި

ނައިފަރުގައި އިސްލާމީ މަރުކަޒު އަޅަން ހަވާލުކުރަނީ: މިނިސްޓްރީން ވަނީ ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި މިސްކިތަކާއި ޤުރުއާނާ ބެހޭ މަރުކަޒެއް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހަވާލުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ، މިއީ ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ތައުލީމު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގަމުން އަންނަ މަޝްރޫއުތަކެއް ކަމަށެވެ.

އެގޮތުން ހއ. އިހަވަންދުއާއި ޅ. ނައިފަރާއި ގއ. ވިލިނގިލީގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށާއި، ވިލިނގިލީގައި ޤުރުއާނާބެހޭ މަރުކަޒެއް އިމާރާތްކުރުމުގެ އިތުރުން، ކ. ގުޅީގައި މިސްކިތެއް އިމާރާތްކުރުމަށް މިނިސްޓްރީން ވަނީ މިއަދު ހަވާލުކޮށްފައި ވަނީ އަމިއްލަ ކުންފުނިތަކަކާއެވެ.

މި މަޝްރޫއުތަކުގެ ތެރެއިން އިހަވަންދުއާއި ވިލިނގިލީގައި 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒުތައް އިމާރާތްކުރާއިރު، ނައިފަރުގައި އިމާރާތްކުރަނީ 1،000 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ. މީގެން ކޮންމެ މަރުކަޒެއްގައި ކިލާސްރޫމަކާއި، ކުތުބުޚާނާއަކާއި، އަންހެނުންނާއި ފިރިހެނުން ވަކިން ނަމާދުކޮށް ވުޟޫކުރާ ބަޔަކާއި ޖަލްސާކުރާ މާލަމެއް ހިމެނޭ ކަމަށް، މިނިސްޓްރީން ބުންޏެވެ.

ހަމަ އެއާއެކު، ގުޅީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރާއިރު، ވިލިނގިލީގައި އިމާރާތްކުރާ ޤުރުއާނާބެހޭ މަރުކަޒުގައި ކިލާސްރޫމާއި ޙިފްޡު ކޮޓަރިއަކާއި އޮފީސް ޖާގައެއް ހިމެނޭ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަޝްރޫއުތައް ހަވާލުކުރީ އަމިއްލަ ކުންފުނިތަކަކާ ކަމަށްވާއިރު، މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ފާހަގަކުރެވޭ ގޮތުގައި، އަންނަ ފެބްރުވަރީ މަހުގެ ފަހު 14 ދުވަހުގެ ކުރީކޮޅު ރަމަޟާން މަސް ފެށުމުގެ ކުރިން، 15 މިސްކިތެއްގެ މަސައްކަތް ނިންމައި ހުޅުވޭނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެންބަރު މަހުގެ ފަހުކޮޅު ވިދާޅުވެފައިވެއެވެ.

https://sun.mv/214576

ރައީސް ވިދާޅުވީ ރޯދައިގެ ކުރިން ހުޅުވާ 15 މިސްކިތުގެ ތެރޭ މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް ދޭއްގެ މިސްކިތެއް ވެސް ހިމެނޭކަމަށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިދިޔަ ޑިސެންބަރު މަހު ފެށޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަގުސަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ގާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށެވެ.

comment ކޮމެންޓް