ޣައްޒާގެ 'ބޯޑް އޮފް ޕީސް'ގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ

ފަލަސްތީނަށް އަނިޔާވެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލައްވާ ޣައްޒާގެ 'ބޯޑް އޮފް ޕީސް'ގައި ހިމެނޭނެ ކަމަށް އިސްރާއީލުގެ ސަރުކާރުން ބުނެފިއެވެ.

ނަތަންޔާހޫގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޓްރަމްޕްގެ ދައުވަތު ގަބޫލުކުރައްވާފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އިސްވެ ހުންނަވައިގެން އުފައްދާ އެ ބޯޑުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މައްސަލަތައް ހައްލުކުރުމެވެ. މި ބޯޑުގައި ބައިވެރިވުމަށް އެދި ޓްރަމްޕްވަނީ އެ ބޯޑުގެ ޗާޓަރުގެ ދެލިކޮޕީ 60 ގައުމަކަށް ފޮނުވައި މެންބަރުންނަށް ވުމުގެ ދައުވަތު އެ ގައުމުތަކަށް ދެއްވައިފައެވެ.

ނަމަވެސް، ދައުވަތު އެރުވި ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެ ކަމަށް އިޖަބަދީފައިވަނީ ޔޫރަޕްގެ ކުޑަ ގައުމެއް ކަމަށްވާ ހަންގޭރީ އެކަންޏެވެ. ފަރަންސޭސިވިލާތް ފަދަ ގައުމުތަކުން ވަނީ އެއީ 'ދުނިޔޭގެ ވެރިކަން ކުރަން' ގެންގުޅޭ ޕްލޭނެއް ކަމަށް ސިފަކޮށްފައެވެ.

އެކަމަކު، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން ވަނީ އެ ބޯޑުގައި ބައިވެރިވާނެ ކަމަށް ބުނެ ޓްރަމްޕްގެ ދައުވަތު ގަބޫލުކޮށްފައެވެ.

https://sun.mv/216927

މި ކައުންސިލްގައި ކޮންމެ ގައުމަކަށްވެސް ބައިވެރިކުރެވޭނީ އެއްމެ މަންދޫބެކެވެ. އެ މަންދޫބުގެ މުއްދަތަކީ ތިން އަހަރެވެ. ތިން އަހަރަށްވުރެ ދިގުމުއްދަތަކަށް މަންދޫބަކު ބަހައްޓާނަމަ އެ ގައުމަކުން އެމެރިކާއަށް އެއް ބިލިޔަން ޑޮލަރު ދައްކަންޖެހޭ ގޮތަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ހަމަޖައްސަވާފައެވެ.

ޣައްޒާގެ ތަންފީޒީ ކައުންސިލަށް ވެސް ޓްރަމްޕް ހަތް މެންބަރަކު އައްޔަން ކުރައްވާފައިވެއެވެ. މީގެ ތެރޭގައި ތުރުކީ، ޔޫއޭއީ، ގަތަރު، މިސްރު މިތިން ގައުމުންކުރެ ކޮންމެ ގައުމަކުން މަންދޫބަކު ހިމެނެއެވެ. އޭގެ ތެރޭގައި ވެސް ޣައްޒާގެ ރައްޔިތަކު އަދި ޣައްޒާ ނިސްބަތްވާ ފަލަސްތީނުގެ ބޭފުޅަކު ނުހިމެނެއެވެ.

މި ކައުންސިލްތައް އުފެއްދުމަށް ފަހު، ދެން އޮތީ ޣައްޒާގެ މިނިވަން ކަމަށް ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަތުން ހަތިޔާރު ނިގުޅައިގަތުން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް