މުސްތަގުބަލުގައި ވާނެ ގޮތަކަށް ވިސްނައި، ދެމަފިރިންނަށް ވަކިން ބޯހިޔާވަހިކަން ލިބޭ ގޮތަށް ހެދުމަކީ ދައުލަތުގެ މުދާ ރަނގަޅަށް ބޭނުންކުރުން ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ އާދިއްތަ ދުވަހު ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލާފައެވެ. އެ ސްކީމުގެ ތެރެއިން 7،900 ފުލެޓާއި 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.
އެހެން އެކަން އޮއްވައި، ދެމަފިރިއަކަށް އެންމެ ބޯހިޔާވަހިކަމެއް ލިބުމަކީ އިންސާފެއް ނޫން ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އެއީ، ދެމަފިރިން ވަރިވެއްޖެނަމަ، އެ ބޯހިޔާވަހިކަން ލިބޭނީ ކޮންމެ ވެސް އެކަކަށް ކަމަށްވާތީއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވަނީ އެ ވާހަކައަށް އަލިއަޅުވާލައްވާފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް: މުސްތަގުބަލަށް ވިސްނައި، ދެމަފިރިންނަށް ދެތަން ލިބޭ ގޮތަށް ހެދުމަކީ ދައުލަތުގެ މުދާ ރަނގަޅަށް ބޭނުން ކުރުމެއްނޫން ކަމަށް ވިދާޅުވި -- ފޮޓޯ/ ހައުސިން މިނިސްޓްރީ
މިގޮތުން، ދެމަފިރިއަކު ވަރިވުމަކީ މުސްތަގުބަލުގައި ދިމާވެދާނެ ކަމެއް ކަމަށާއި ސޯޝަލް ޕޮލިސީއެއްގައި ބަލަން ޖެހޭނީ އާއިލާއެއްގެ ހާލަތަށް ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މުސްތަގުބަލުގައި ހިނގާފާނެ ކަމަކަށް ބިނާކޮށް، ދެމަފިރިއަކަށް ދެ ތަން ލިބޭ ގޮތަށް ބައްޓަން ކުރުމަކީ ހަގީގަތުގައި ދައުލަތުގެ ވަސީލަތްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުމެއް ނޫން،ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ޑިމާންޑު އުފެދެނީ އާއިލާއެއްގެ ތެރެއިން ކަމަށާއި ސޯޝަލް ހައުސިން ސްކީމުތައް ބިނާވާން ޖެހޭނީ އެ އާއިލާއަކަށް ރައްކާތެރިކަން ދިނުމުގެ މައްޗަށް ކަމަށެވެ.
އަންނަން އޮތް ޖީލުތައް ދުޅަހެޔޮކޮށް ބިނާވެގެން އަންނާނީ، އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބިގެން ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.
މިނިސްޓަރު އެ ފަދައިން ވިދާޅުވިއިރު، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ކިޔަނީ 'އާއިލީ ބޯހިޔާވަހިކަން' ނުވަތަ އެންމެނަށް ބޯހިޔާވަހިކަމެވެ. މުއްތަލިބް ވިދާޅުވީ، އެ ސްކީމުގެ ތެރެއިން އާއިލާތަކަށް ޚާއްސަ ކުރަނީ އެއްވެސް ބަޔަކު ބާކީ ކުރަން ނޫން ކަމަށެވެ. އެއީ، ދައުލަތުގައި ހުންނަ މަދު ވަސީލަތްތައް އެންމެ ބޭނުންވާ މީހުންނަށް ޚާއްސަ ކުރަންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އެފަދައިން ވާހަކަދެއްކެވިއިރު، ބޯހިޔާވަހިކަމުގެ ދަތިކަން ރާއްޖެއަށް ވަރަށް ބޮޑެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގައި އިތުރުއިރު، ގިނަ ބަޔަކު އުޅެން ޖެހެނީ ބޮޑު ކުއްޔެއް ދައްކައިގެނެވެ.
ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް ވެސް ދަށްވެ، ދޮށީ އާބާދީއަކަށް މިސްރާބު ޖަހާފައިވާއިރު ދިވެހީން ގިނަ ދަރީން ނުހޯދާ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ވެސް ބޯހިޔާވަހިކަމާއި މާލީ ނުތަނަވަސްކަން ހިމެނޭ ކަމަށް ސާވޭތަކުން ދައްކައެވެ.
އޭގެ އިތުރަށް، މިދިޔަ އަހަރުގެ ބަޖެޓު ޚާއްސަ ކުރީ ބޯހިޔާވަހިކަމަށެވެ. އެފަދަ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިއެވެ. އެކަމަކު، މިދިޔަ އަހަރު އެ ބަޖެޓުން ޚަރަދުކުރީ އެންމެ 204.5 މިލިއަން ރުފިޔާއެވެ. އެއީ، އެ ކަމަށް ޚާއްސަކުރި ބަޖެޓުގެ އެންމެ 11 ޕަސެންޓެވެ. ބާކީ 89 ޕަސެންޓް އޮތީ އެއްވެސް ވަރަކަށް ބޭނުންނުކޮށެވެ.