ޢަބްދުއްރަހީމް ޝޫރާ ކައުންސިލްގެ ރައީސަށް: ހައްޖަށްދާ ދިވެހީންނަށް އިތުރު ލުއިފަސޭހަ ލިބިގެންދާނެ ކަމަށް އުންމީދުކުރަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް، ސަޢޫދީގެ ޝޫރާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވަނީ --- ފޮޓޯ: މަޖިލިސް

ހައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި ދިވެހީންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ގާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް ޑރ. ޢަބްދުالله ބިން މުޙައްމަދު ބިން އިބްރާހީމް އައްޝައިޚްގެ ދައުވަތަކަށް، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޢަބްދުއްރަޙީމް މިވަގުތު ހުންނެވީ ސަޢޫދީގައެވެ. އެގޮތުން މިއަދު ޢަބްދުއްރަޙީމް ވަނީ ޝޫރާ ކައުންސިލްގެ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރާތެއް ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަޢޫދީއާ ދެމެދު ބިނާވެފައިވާ ދީނީ، ސަގާފީ، އަދި ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވި ކަމަށެވެ.

https://sun.mv/216898

ހަމަ އެހެންމެ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ ގައުމުގެ ސަރުކާރުން އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސައިދެމުން އަންނަ ކަމަށް ވިދާޅުވެ، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީއަށް ދަތުރުކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް ސަޢޫދީ ސަރުކާރުން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެހެންމެ މި ބައްދަލުވުމުގައި ވިޔަފާރިއާއި އިންވެސްޓްމެންޓާއި ފަތުރުވެރިކަމާއި އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް، މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ބައްދަލަވުން ނިންމަވާލައްވަމުން ޢަބްދުއްރަޙީމް ވަނީ، ޝޫރާ ކައުންސިލްގެ ރައީސް ރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ދައުވަތު ދެއްވިކަމަށް ވެސް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޢަބްދުއްރަޙީމް ކުރައްވާ ދަތުރުފުޅުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެބޭފުޅުންގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިޔުޝާ، އަމީން ޢާންމުގެ ނައިބު މުޙައްމަދު ރަޝީދު، ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޒުއްޔިނާ ބަދުރީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަބްދުއްރަހީމް މި ދަތުރުފުޅުގައި ސަޢޫދީއަށް ވަޑައިގެންނެވިއިރު މިވަގުތު މަޖިލިސް އޮތީ ޗުއްޓީގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް ވަނީ މިމަހުގެ 13 ވަނަ ދުވަހު ވެސް އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފައެވެ. އެއީ ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

comment ކޮމެންޓް