ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ބަލި ދެނެގަތުމަށް ކުރާ ސްކްރީނިންއަށް ބާރުއެޅުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލުން ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
އަންހެނުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން ކުރިއަށްގެންދާ މި ޕުރޮމޯޝަންގެ ދަށުން، އެ ހޮސްޕިޓަލުގެ 'ސާވިކަލް ކެންސަރު ސްކްރީނިންގް ޕެކޭޖް'އިން 15 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ޓްރީޓޮޕުން ވަނީ ނިންމާފައެވެ.
އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ މަގުސަދަކީ ސާވިކަލް ކެންސަރާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމާއި މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ކުޑަކޮށް، ވީހާ ވެސް ގިނަ އަންހެނުންނަށް ސްކްރީންކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ސާވިކަލް ކެންސަރަކީ ސިއްހީ ގޮތުން ބޮޑު ނުރައްކަލެއް ނަމަވެސް، މިއީ ކުރިއާލާ ދެނެގަނެވިއްޖެނަމަ ފަރުވާކޮށްގެން ފަސޭހައިން ރައްކާތެރިވެވޭނެ ބައްޔެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، މި ކެމްޕޭނަކީ އަންހެނުންގެ ދިގު މުއްދަތުގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.
މިއީ، ގަވާއިދުން ޗެކަޕް ހެދުމަށް ބައިނަލްއަގުވާމީ އަދި ގައުމީ ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތެއްކަން އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.
މި ޕެކޭޖުގެ ދަށުން ރަހިމުގެ ދޮރުގެ ހާލަތު ދެނެގަތުމަށް ބޭނުންވާ މުހިންމު ޓެސްޓުތައް ހެދޭނެއެވެ. މިއީ އެކި ސަބަބުތަކާ ހުރެ ސްކްރީނިން ހެދުން ލަސްވެފައިވާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެއެވެ. ޚާއްސަކޮށް ގަވާއިދުން ސްކްރީން ކުރަންޖެހޭ އުމުރުގެ އަންހެނުންނާއި މި ބައްޔާ ގުޅޭ އެއްވެސް ކަންބޮޑުވުމެއް ހުރި ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެކި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް މިހާރު އެޕޮއިންޓްމަންޓް ބުކް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.