ސިދާންތާއި މްރޫނާލްގެ ފިލްމުގެ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ މްރޫނާލް ތާކުރުއާއި ސިދާތު ޗަތުރުވެދީ އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ދޯ ދީވާނޭ ސެހެރް މޭ"ގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ އަންނަ މަހު ފާހަގަކުރާ ލޯބިވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ހަފުތާ ބަންދުގައެވެ.

ބޮލީވުޑްގެ މަގުބޫލު ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ މި ފިލްމަކީ ސަންޖޭގެ އަމިއްލަ ފިލްމު ކުންފުނި ބަންސާލީ ޕްރޮޑަކްޝަންސްއާއި ރެންކޯޕް މީޑިއާ އަދި ޒީ ސްޓޫޑިއޯ ގުޅިގެން އުފައްދާ ފިލްމެކެވެ.

ރަވީ އުދިވަރު ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ 20 ފެބްރުއަރީއަށެވެ. މިހާރުގެ ޒުވާނުންނަށް ކަމުދާނެ ކަހަލަ ގޮތަކަށް ގެނެސްދޭ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމަކީ އެހެން ލޯބީގެ ވާހަކަތަކާ އެއްގޮތަށް އެންމެ ފުރިހަމަ ވާހަކައެއް ނޫން ކަމަށް ފިލްމުގެ ޓީޒާ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ފިލްމު "ދޯ ދީވާނޭ ސެހެރް މޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ޕީޕިންގްމޫން

ދެކުނު އިންޑިއާގެ ލޯބީގެ ފިލްމުތަކުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ބަތަލާ ވަނީ މީގެ ކުރިން ވެސް ބޮލީވުޑް ފިލްމުތަކުން ފެނިފައެވެ.

ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ ތެލުގޫ ފިލްމުތަކެއް ހިމެނޭއިރު އިތުރު ހިންދީ ދެ ފިލްމެއް ވެސް ހިމެނެއެވެ. އެއީ، ވަރުން ދަވަންއާ އެކު ކުޅޭ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އަދި އަދި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު "ޕޫޖާ މެރީ ޖާން"އެވެ.

comment ކޮމެންޓް