ކުރިއަށް އޮތް ޕީކް ސީޒަނަށް، ނުވަތަ ހޫނު މޫސުމަށް ތައްޔާރުވުމަށްޓަކައި 12 ރަށަކަށް ޖެންސެޓުތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން 'ސަން'އަށް ބުނީ، 12 ރަށެއްގެ ތެރެއިން ކޮންމެ ރަށަކަށް ޖެންސެޓެއް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ކޮން ރަށްރަށެއްކަން ސްޓެލްކޯއިން ނުބުނެއެވެ.
އެއީ 600 މެގަވޮޓުގެ ހަ ޖެންސެޓަކާއި، 800 ކިލޯވޮޓުގެ ހަތަރު ޖެންސެޓަކާއި 1،000 ކިލޯވޮޓުގެ ދެ ޖެންސެޓު ކަމަށް، އެ ކުންފުނިން ބުންޏެވެ.
މިހާރުވެސް ސްޓެލްކޯއިން އަންނަނީ މާލެ ހިމެނޭހެން 35 ރަށަކަށް ކަރަންޓުގެ ޚިދުމަތް ދެމުންނެވެ. އެއީ މާލެ އަތޮޅާއި އަރިއަތޮޅާއި ފެލިދެ އަތޮޅުގެ ރަށްރަށަށެވެ.
ސްޓެލްކޯއިން ބުނީ، ރަށްރަށަށް ޖެންސެޓުތައް ފޯރުކޮށްދިނުމުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، އާންމުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ހޫނު މޫސުމާ ދިމާކޮށް ކުރިއަށް ދެން އޮތީ ރަމަޟާން މަހެވެ. މިދިޔަ ރަމަޟާން މަހު ކަރަންޓު ބިލުތަކަށް ޑިސްކައުންޓު ދިންއިރު، ބިލުތައް ބޮޑުވެ، އެކަމުގެ ސަބަބުން އާންމުން ޝަކުވާކޮށްފައިވެއެވެ. އެގޮތުން ޑިސްކައުންޓާ އެކުވެސް ބައެއް ގޭބިސީތަކުން ކަރަންޓު ބޭނުންކުރި މިންވަރު ދެ ގުނަވެ، އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައިވެސް އާންމުން ހިއްސާކޮށްފައިވެއެވެ.
ސްޓެލްކޯއިން އޭރު ބުނީ، އާއްމު ގޮތެއްގައި ކޮންމެ ރަމަޟާން މަހަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް ހޫނު މޫސުމާ އެކުއެކީހެން ރޯދަ މަސް އައުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ރަށްރަށަށް ޖެންސެޓް ފޯރުކޮށްދޭން ސްޓެލްކޯއިން ފެށިއިރު، ކުރިއަށް އޮތް ރަމަޟާން މަހު ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ 400 ރުފިޔާއަށްވުރެ ދަށުން ކަމަށާއި، ބިލުގެ ބާކީބައި ޑިސްކައުންޓުގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ ވިދާޅުވެފައިވެއެވެ.