ފަސް އަހަރުތެރޭ އާސަންދައިގެ ބޭރުން ބޭސްފަރުވާއަށް ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި ކަމަށާއި، ޚިދުމަތްތަކުގެ އަގު ކޮންޓްރޯލްކޮށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭ ކަމަށް އޮޑިޓް އޮފީހުން ލަފާދީފިއެވެ.
އާސަންދަ ސްކީމްގެ ބޭރުން ބޭރުން ބޭސްފަރުވާއަށް ދައުލަތުން ކުރާ ހޭދައާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ސްކީމްގެ ބޭރުން ބޭސްފަރުވާއަށް ބޮޑު ހޭދައެއް ކުރެއެވެ. އެގޮތުން އާސަންދައިގެ ބޭރުން ދައުލަތުން ބޭސްފަރުވާއަށް ކުރާ ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ:
- އެންސްޕާ ޕްރޮގްރާމަށް ކުރާ ޚަރަދު (އަހަރުން އަހަރަށް 38 އިންސައްތަ އިތުރުވޭ)
- ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް އެ މުއައްސަސާތަކުގެ ބަޖެޓުން ކުރާ ޚަރަދު (އަހަރުން އަހަރަށް 23 އިންސައްތަ އިތުރުވޭ)
- އެހެނިހެން މުއައްސަސާތަކުގެ ބަޖެޓުން ހެލްތު އިންޝުއަރެންސަށް ކުރާ ޚަރަދު (އަހަރުން އަހަރަށް ހަ އިންސައްތަ އިތުރުވޭ)
- ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން ކުރާ ޚަރަދު (އަހަރުން އަހަރަށް ތިން އިންސައްތަ އިތުރުވޭ)
އޮޑިޓް ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 2019 ވަނަ އަހަރުން 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 3،015،807،625 ރުފިޔާ ނުވަތަ ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ އާސަންދަ ސްކީމްގެ ބޭރުން ބޭސްފަރުވާއަށް ވަނީ ޚަރަދުކޮށްފައެވެ. މި ޚަރަދުތައް އެވްރެޖް ގޮތެއްގައި އަހަރަކު 28 އިންސައްތައަށް އިތުރުވަމުންދާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި 2024 ވަނަ އަހަރު އާސަންދައިގެ ބޭރުން ބޭސްފަރުވާއަށް ޖުމްލަ 872،237،777 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ އާސަންދަ ސްކީމުން ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ބޭސްފަރުވާއަށް 2024 ވަނަ އަހަރުކުރި ޚަރަދުގެ 26 އިންސައްތައާ އެއްވަރުގެ އަދަދެކެވެ.
އަދި މި ޚަރަދު އިތުރުވަމުންދާ ރޭޓަށް ބަލާއިރު، 2031 ވަނަ އަހަރަށް ފަހު އާސަންދަ ސްކީމްގެ ބޭރުން ބޭސްފަރުވާއަށް ކުރާ ޚަރަދު، އާސަންދަ ސްކީމަށް ކުރެވޭ ޚަރަދަށްވުރެ އިތުރުވާނެ ކަމަށް އޮޑިޓުން ވަނީ ލަފާކޮށްފައެވެ.
އޮޑިޓުން ފާހަގަކުރި ގޮތުގައި އާސަންދަ ސްކީމްގެ ބޭރުން ބޭސްފަރުވާއަށް ކުރާ ޚަރަދު އިތުރުވުމުގެ ސަބަބުތައް:
- ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ އަގު ބޮޑުވުން.
- ސިއްހީ ޚިދުމަތް ދޭ ތަންތަނުން ނަގާ އަގުތަކަކީ އެކަށީގެންވާ މިންގަނޑެއްގައިވާ އަގުތަކެއްކަން ސިއްހީ ވުޒާރާއިން ކަށަވަރުކޮށްފައި ނުވުން.
- އެކި އިދާރާތަކުން ބޭސްފަރުވާގެ އެހީ ފޯރުކޮށްދިނުމާއި، ދޭ އެހީގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުގެ މެދުގައި ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނުވުން.
- އެހީ ހޯދާ ފަރާތްތަކުގެ އަދަދު އިތުރުވުން.
- އެހީ ފޯރުކޮށްދިނުމުގެ ކަންކަން ރާވައި ހިންގުމުގެ ނިޒާމުގައި ހުރި އިންޓާނަލް ކޮންޓްރޯލްތައް ބަލިކަށިވުމުގެ ސަބަބުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަގުފަހިވުން.
ހަމައެކަނި އެންސްޕާއަށް ބަލާއިރު 2019 ވަނަ އަހަރުން 2024 ވަނަ އަހަރުގެ ނިޔަލަށް 1.5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ބޭސްފަރުވާއަށް ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން 56 އިންސައްތައަކީ ރާއްޖޭގައި ދެވޭ ފަރުވާއަށެވެ. އަދި ބާކީ 44 އިންސައްތައަކީ ރާއްޖެއިން ބޭރުން ދެވޭ ފަރުވާއަށް ކުރި ޚަރަދެވެ.
އެންސްޕާއިން އަހަރަކު އެވްރެޖްކޮށް 2.5 މިލިއަން ރުފިޔާ ބޭސްފަރުވާއަށް ޚަރަދުކުރާއިރު އެ މުއްދަތުގައި އެހީ ފޯރުކޮށްދީފައިވާ ކޭސްތަކުގެ އަދަދު ވަނީ 80 އިންސައްތަ އިތުރުވެފައެވެ. އަދި ޚަރަދުތައް ވަނީ 409 އިންސައްތަ އިތުރުވެފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެންސްޕާއިން އެހީ ދެމުންދަނީ އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، ދަތި ހާލުގައިވާ ފަރާތްތަކަށް އަމާޒުކޮށްގެން، އިޖްތިމާއީ ރައްކާތެރިކަމުގެ އާއްމު ގަވާއިދުގައި ކަނޑައަޅާފައިވާ އެހީ ދެވޭ ލިމިޓްގެ ތެރެއަކުން ނޫނެވެ.
ހަމައެއާއެކު ވަކިވަކި މުއައްސަސާތަކުގެ ބަޖެޓުން ބޭސްފަރުވާއަށް 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ހޭދައިގެ 88 އިންސައްތައަކީ ފުލުހުންނާއި ސިފައިންނާއި އެ ފަރާތްތަކުގެ އާއިލާގެ ބޭސްފަރުވާއަށް ކުރެވޭ ޚަރަދުކަން އޮޑިޓުން ފާހަގަކުރިއެވެ. އެގޮތުން 2019 އިން 2024ގެ ނިޔަލަށް ފުލުހުންނާއި އެފަރާތްތަކުގެ އާއިލާގެ ބޭސްފަރުވާއަށް 618،949،192 ރުފިޔާ އަދި ސިފައިންނާއި އެފަރާތްތަކުގެ އާއިލާގެ ބޭސްފަރުވާއަށް 601،061،300 ރުފިޔާ އެ ދެ މުއައްސަސާގެ ބަޖެޓުން ވަނީ ޚަރަދުކޮށްފައެވެ.
މި މުއްދަތުގައި އެވްރެޖްކޮށް އަހަރަކު ސިފައިންނަށް ކުރާ ހޭދަ 23 އިންސައްތަ އަދި ފުލުހުންނަށް ކުރާ ހޭދަ 24 އިންސައްތައިން ވަނީ އިތުރުވެފައެވެ.
ޚަރަދު ކުޑަކުރަން އޮޑިޓުން ދީފައިވާ ލަފާ
މިކަންކަން ފާހަގަކުރުމަށްފަހު އޮޑިޓުން ދިން ލަފާގައި ބުނެފައި ވަނީ ރައްޔިތުންނާއި ދައުލަތުގެ ސިއްހީ ޚަރަދުތައް ކުޑަކުރުމަށް، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ޒިންމާދާރުކުރަންޖެހޭ ކަމަށެވެ. އަދި ޚިދުމަތްތަކުގެ އަގު ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށާއި، ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނަންޖެހޭ ކަމަށް ބުންޏެވެ.
އަދި ދައުލަތުން ބޭސްފަރުވާއަށް ކުރާ ޚަރަދު ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށް ސިފައިންނާއި ފުލުހުންނާއި އަދި އެފަރާތްތަކުގެ އާއިލާތަކަށް މިހާރު ދެމުން އަންނަ ބޭސްފަރުވާގެ ސްކީމް މުރާޖައާކުރަން ވަނީ ލަފާދީފައެވެ. އަދި ދައުލަތުން އެ ފަރާތްތަކުގެ ބޭސްފަރުވާ ކުރަންޖެހޭ ޚަރަދު ކޮންޓްރޯލް ކުރެވޭނެހެން ސިޔާސަތުތައް އެކުލަވައިލުމަށް ވަނީ އެދިފައެވެ.
ހަމައެއާއެކު ތަކުރާރުކޮށް އެއްކަމަކަށް ދައުލަތުގެ އެކި އިދާރާތަކުން ބޭސްފަރުވާގެ އެހީއަށް އެދޭ ފަރާތްތައް ދެނެގަނެ، ދައުލަތުގެ އެއް އިދާރާއިން ވަކި ފަރުދަކަށް ދޭ ބޭސްފަރުވާގެ އެހީގެ ތަފްސީލު އަނެއް އިދާރާއަށް ދެނެގަނެވޭނެ މަރުކަޒީ ނިޒާމެއް ގާއިމުކުރުމަށް ވެސް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.
އަދި ބޭސްފަރުވާގެ އެހީ ހޯދުމަށްފަހު، ބިލުތައް ހުށަހަޅަމުން ނުދާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމަށް ލަފާދީފައިވެއެވެ. އަދި ހުއްދަ ނުހޯދައި ކޮށްފައިވާ ޚަރަދު ރީއިމްބާސްކޮށްދެމުންދާ ސަބަބު ދެނެގަނެ، އިންސާފުވެރި، ހަމަހަމަ އުސޫލަކުން އެހީ ދިނުމަށް ވަނީ އެދިފައެވެ.
އޭގެ އިތުރަށް އޮޑިޓުން ލަފާދިނީ ސިއްހީ ޚިދުމަތްތައް ހޯދުމަށް ދައުލަތުގެ އެހީތެރިކަން ބޭނުންވާ ހާލަތުގައި ތިބި ފަރާތްތަކަށް އަމާޒުކޮށްގެން ޓާގެޓެޑް ސަބްސިޑީ ތައާރަފުކޮށް، ބޭސް ފަރުވާގެ އެހީގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށެވެ.