މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެންމެ ފުރަތަމަ ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ހުޅުވާލަން ހަމަޖެހިފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެކަމަކު، ކުއްލި ގޮތަކަށް އެ ފުރުސަތު މިއަދަށް ލަސްކުރިއެވެ. އެއީ، މާލޭ ސަރަހައްދުން ދޫކުރާއި ބިމާއި ފުލެޓަށް އެދި ވަރަށް ގިނަ އަދަދެއްގެ މީހުން އެޕްލައިކުރާނެ ކަމަށް ލަފާކުރެވޭތީއާއި، ހަފުތާ ބަންދާ ދިމާކޮށް ފުރުސަތު ހުޅުވާލުމުން މައުލޫމާތު ދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށް ބުނެއެވެ.
މިއަދު ހައުސިން މިނިސްޓްރީން، ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ހުޅުވާލީ ވެބްސައިޓެއް މެދުވެރިކޮށެވެ. މިގޮތުން، ގޯއްޗަށް އެދުމުގެ ފުރުސަތު ދީފައި ވަނީ، އަންނަ މާރިޗު ހަތަރެއްގެ 23:59އަށް ކަމަށްވާއިރު، ފުލެޓަށް އެދި އެޕްލައިކުރެވެނީ، އަންނަ އޭޕްރީލް 17ގެ 23:59 އަށެވެ.

ބޯހިޔާވަހިކަން އެންމެނަށް ސްކީމް އިފްތިތާހުކުރުން: ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ވަނީ ހުޅުވާލާފައި ---- ސަން ފޮޓޯ/ މޫސާ ނަދީމް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިއުލާނުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ފުލެޓާއި ގޯތި ދޭނެ ގޮތުގެ އުސޫލު މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.
އެ އުސޫލާ ގުޅުވައި ހައުސިން މިނިސްޓްރީން އޭރު ނެރުނު އިއުލާނެއްގައިވަނީ ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޖަނަވަރީ 15 އިން ފެށިގެން އޭޕްރިލް 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާނުގައިވެއެވެ.
އެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7900 ފުލެޓު ކަމަށްވާއިރު، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް ގިނަ އަދަދެއްގެ ގޯއްޗާއި ފުލެޓު ދޫކުރުމަށް އިއުލާންކުރިއިރު، އެ މަރުހަލާ ކުރިއަށްގެންދިޔަ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މި ސަރުކާރުން އަދިވެސް އަންނަނީ އެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވެއެވެ. އަދި، އެ މަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެކުލަވާލި އުސޫލުގައި، ކުރީ ސަރުކާރުގެ އުސޫލާ ތަފާތު ބައެއް ކަންކަން ހިމަނައިފައިވެއެވެ.
އޭގެ ތެރޭގައި، ފުލެޓަށް ކުރިމަތިލާ ފަރާތުން ޝަރުތު ހަމަވަނީ ކިތައް ކޮޓަރިއަށްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށް ފުލެޓު ދިނުމުގެ އުސޫލުގައި ހިމެނުމާއި އެހެން ބައެއް ބަދަލުތައް ވެސް ހިމެނެއެވެ.
ރައީސް މުއިއްޒު 2024 ވަނަ އަހަރު އިއުލާން ކުރެއްވި ގޮތުގައި ނިމިދިޔަ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމަށް ޚާއްސަ އަހަރެކެވެ. އެ އަހަރު ގިނަ މަޝްރޫއުތަކެއް ފައްޓަވާނެކަން އެތައް ފަހަރެއްގެ މަތިން އިއުލާން ކުރެއްވެވިއެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައީ އެކަމަށް ކަނޑައެޅި ބަޖެޓުން ވެސް ބޮޑު ބައެއް އަތްނުލައި އޮއްވައެވެ.