ކޮޕީކުރުމާއި އޭއައި ބޭނުންކުރުން ހުއްޓުވައި، މަތީ ތައުލީމުގެ އިތުބާރު ހިފަހައްޓަން ކުރަން ފެންނަ ކަންކަން ހުށަހަޅައިފި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: އޭނާ ވަނީ، ބައެއް ދަރިވަރުން އެހެން މީހުންގެ ފިކުރީ މަސައްކަތްތައް ނަކަލުކޮށް، އެކި މީހުން ލައްވާ މަސައްކަތްކުރުވުމާއި، ޖެނެރޭޓިވް އޭއައި ބޭނުންކުރުން ފަދަ ކަންކަން ހުއްޓުވައި މަތީ ތައުލީމަށް ކުރާ އިތުބާރު ހިފަހައްޓަން ބައެއް ކަންކަން ވަނީ ހުށަހަޅުއްވައިފަ --- ފޮޓޯ/ މަޖިލިސް

ޑިޕްލޮމާއާއި ޑިގްރީ ފަދަ އެކި ސަނަދުތަކުގެ ކޯސްތަކުގައި ބައެއް ދަރިވަރުން އެހެން މީހުންގެ ފިކުރީ މަސައްކަތްތައް ނަކަލުކޮށް، އެކި މީހުން ލައްވާ މަސައްކަތްކުރުވުމާއި، ޖެނެރޭޓިވް އޭއައި ބޭނުންކުރުން ފަދަ ކަންކަން ހުއްޓުވައި، ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރާއި އިތުބާރު ހިފެހެއްޓުމަށް ކުރަން ފެންނަ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހަޅައި ގޮތެއް ނިންމުމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފިއެވެ.

ކުޑޫ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެ، އެކަމުގެ ސަބަބުން އޮންލައިންކޮށް ކިޔެވުން، ނުވަތަ އޮންލައިން އަދި ސީދާ ތަނަށް ހާޒިރުވެގެން ކިޔެވުމުގެ ދާއިރާއިން ކުރިއެެރުންތައް ހޯދަމުން އަންނަ ކަމަށެވެ.

އެހެންވެ، އެކި ރަށްރަށުގައި ކިޔަވާ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އިތުރުވެފައިވާކަން ކުޑޫގެ ސިޓީގައި ފާހަގަކުރެއްވިއެވެ.

ނަމަވެސް، ތައުލީމީ ފެންވަރާއި ނަޒާހާތްތެރިކަމާ ގުޅޭ އެކި މައްސަލަތައް ފެންމަތިވަމުން އަންނަކަން ފާހަގަކުރައްވައި، ކުޑޫގެ ސިޓީގައި ވަނީ އޮންލައިންކޮށް ބާއްވާ އިމްތިހާނުތަކުގެ ނަޒާހާތްތެރިކަމާ ގުޅޭ ޝަކުވާތައް ލިބެމުން އަންނަކަން ފާހަގަކުރައްވައިފައެވެ.

އެ ސިޓީއާއެކު ކުޑޫ ހުށަހެޅުއްވި ކަރުދާހުގައިވާ ގޮތުން، ބައެއް ކޯސްތަކުގައި އެހެން މީހުންގެ މަސައްކަތްތައް ކޮޕީކުރުމާއި، އުޖޫރަ ދީގެން މީހުން ލައްވާ މަސައްކަތްކުރުވުމާއި، ހުއްދަނޫން ގޮތެއްގައި އޭއައިގެ އެހީތެރިކަން ހޯދުން ފަދަ ކަންކަން ދެނެގަނެވޭނެ އެއް ގޮތެއް ވެސް ނެތެވެ. އެހެންވެ، އެ ގޮތްގޮތަށް ފާސްވުމުގެ ފުރުސަތު ދަރިވަރުންނަށް އޮންނައިރު، އެ ބެލޭނެ މިންގަނޑެއް ނެތްކަމަށް، އެ ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ.

އެފަދަ ކަންކަމުގެ ސަބަބުން، ބުރަ މަސައްކަތުން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ސަނަދުގެ އަގުވެއްޓި، ވަޒީފާ ދޭ ފަރާތްތަކަށް އެ ސަނަދުތަކަށް އިތުބާރުކުރަން ދަތިވާނެ ކަމަށާއި، މިއީ ރާއްޖޭގެ މަތީ ތައުލީމަށް ލިބޭ ބޮޑު ގެއްލުމެއްކަން ކުޑޫގެ ކަރުދާހުގައިވެއެވެ.

އެ ކަރުދާހުގައިވަނީ މިފަދަ ޝަކުވާތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން އެކަށީގެންވާ ވަގުތުގައި ރަސްމީ ޖަވާބެއް ނުލިބޭ ކަމަށާއި އެހެންވެ، ބައެއް ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ކަމަށެވެ.

މިކަންކަން ފާހަގަކުރައްވައި، ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތްވެސް ކުޑޫ ފާހަގަކުރެއްވިއެވެ. އެ ގޮތުން، ކޯސްތަކުގެ ފެންވަރާއި ނަޒާހާތްތެރިކަން ހިފެހެއްޓުމުގެ މައި ޒިންމާއެއް އޮންނާނީ އެ ކޯސްތައް ހިންގާ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ކަމާއި، އެ ތަންތަނާއި ތަންތަނުން ދޭ ކޯސްތަކުގެ މިންގަނޑާއި އިރުޝާދުތައް ކަނޑައަޅައި ބަލަހައްޓަނީ އެކަމަށް ޚާއްސަ އިދާރާތަކުން ކަން، އޭނާ ފާހަގަކުރެއްވިއެވެ.

މިކަމުގައި ރައްޔިތުންގެ މަޖިލީހަށް އަދާކުރެވޭނެ ދައުރުތައް ފާހަގަކުރައްވައި، ކުޑޫގެ ކަރުދާހުގައިވަނީ ހަރުދަނާ ފިޔަވަޅުތައް އެޅުމުގެ ސަބަބުން، ރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އަގާއި ބައިނަލްއަގުވާމީ އިތުބާރު ދެމެހެއްޓި، އިޚުލާސްތެރި ދަރިވަރުންގެ ހައްގުތައް ހިމާޔަތްކުރެވިގެން ދާނެ ކަމަށާއި، އޮންލައިންކޮށް ކިޔަވައިދިނުމުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ.

comment ކޮމެންޓް