ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ނިމުނު ޑިސެމްބަރުގައި 7.5 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއަކީ ސިއްހީ ކަންކަމަށް މާލީ އެހީ ފޯރުކޮށްދޭ އިދާރާއެކެވެ. އެ އިދާރާއިން ދޫކުރާ އެހީތަކުގެ ތަފުސީލުތައް މަހަކު އެއް ފަހަރު އާންމުކުރެއެވެ.
މިދިޔަ މަހުގެ ހިސާބުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ 231 މީހުންނަށް ޖުމުލަ 7.5 މިލިއަން ރުފިޔާގެ އެހީ އެންސްޕާއިން ވަނީ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 159 ފިރިހެނުންނާއި 72 އަންހެނުން ކަމަށްވާއިރު، އެންމެ ގިނަިއން ޚަރަދުކުރީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
ޖުމުލަ 221 ކުދިންގެ ތެރަޕީއަށް ޚަރަދުކޮށްފައިވާއިރު، މިދިޔަ މަހު ގިނައީ އޮކިއުޕޭޝަނަލް ތެރަޕީއަށް ކުރި ޚަރަދެވެ.
މިގޮތުން، އެ ބާވަތުގެ ތެރަޕީއަށް އެކަނި 2.15 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، ބިހޭވިއާ ތެރަޕީއަށް ވަނީ 2.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެ އިތުރަށް ސްޕީޗު ތެރަޕީއަށް 1.8 މިލިއަން ހޭދަކުރިއިރު، އެޑިއުކޭޝަނަލް ތެރަޕީއަށް ވަނީ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ނޮވެންބަރުގައި ތެރަޕީއަށް ވަނީ 12 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.