ދެ އަހަރާއި ބަޔަށް ވުރެ ދިގު މުއްދަތަކަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދަށުގައިވާ ސިއްހީ މަރުކަޒެއްގައި މަސައްކަތްކުރި ސިޔާސީ މުވައްޒަފަކަށް މުސާރައާއެކު ދިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހިމެނޭހެން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނެގުމަށް އެ ހޮސްޕިޓަލަށް އޮޑިޓަރު ޖެނެރަލް އަންގަވައިފިއެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން މިދިޔަ ބުދަ ދުވަހު އާންމުކުރި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 2021އާއި 2022ގެ ކޮމްޕްލަޔަންސް ރިޕޯޓުގައިވާ ގޮތުން، އެ ހޮސްޕިޓަލުގެ ދަށުގައި މަސައްކަތްކުރި ސިޔާސީ މުވައްޒަފަކު އޮފީހަށް ލަހުން ހާޒިރުވާ ވަގުތާއި އޮފީހަށް ހާޒިރުނުވާ ދުވަހަށްވާ މިންވަރު، އެ މުވައްޒަފުގެ މުސާރައިން އުނިކޮށްފައެއް ނުވެއެވެ.
އެގޮތުން އެ މުވައްޒަފު މާރިޗު 4، 2021ގައި މަގާމަށް އައްޔަނުކޮށް، ނޮވެންބަރު 2023ގެ ނިޔަލަށް ވަޒީފާގައި ހުރި ދުވަސްވަރު، އޭނާގެ މުސާރައިން ޖުމުލަ 136،773 ރުފިޔާ އުނިކުރަން ޖެހެއެވެ. ނަމަވެސް އެ ފައިސާ ދިނީ މުސާރައިން އުނިނުކޮށް ކަމަށް، އެ ރިޕޯޓުގައި ބުންޏެވެ.
ސިޔާސީ މުވައްޒަފުންގެ އުސޫލުގައިވާ ގޮތުން، މުވައްޒަފު ގަޑިއަށްވުރެ ލަހުން ހާޒިރުވެއްޖެނަމަ އެ ގަޑިއަށް ލާރި އުނިކުރަން ޖެހޭނެއެވެ. އަދި އޮފީހަށް ސަލާމް ބުނުމާއި ޗުއްޓީނެގުމުގެ އުސޫލާ ޚިލާފުވެ އޮފީހަށް ހާޒިރުނުވާ ނަމަ، މުވައްޒަފު ހާޒިރުނުވާ ދުވަސްދުވަހު މުސާރައިން އުނިކުރަން ޖެހޭ ކަމަށްވެސް، އެ އުސޫލުގައިވެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތްތަކާއި ގޯތި ފޮޅާ ސާފުކުރުމުގެ ކަންކަން އަމިއްލަ ފަރާތަކާ ހަވާލުކޮށް އެއްބަސްވުމުގެ ދަށުން ފައިސާ ދޫކުރީ މަސައްކަތްކުރިކަން ކަށަވަރުނުކޮށް ކަމަށް ވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް މަސައްކަތްކުރިކަން އެނގެން ނެތް ކަމަށާއި، އެ ފަރާތާއެކު ވި ދެ އެއްބަސްވުމެއްގެ ދަށުން 2021ގައި 1.84 މިލިއަން ރުފިޔާ، އަދި 2022ގައި 2.54 މިލިއަން ރުފިޔާ ހަވާލުކުރީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކުރިކަން ލިއެކިއުމުން ކަށަވަރުނުކޮށް ކަމަށް، ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހަމަ އެއާއެކު، ކުޅުދުއްފުށި ހޮސްޕިޓަލުން 2022ވަނަ އަހަރު ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތެރެއިން ސާމްޕަލްގެ ގޮތުގައި ބެލެވުނު ތިން މަޝްރޫއު ކަމަށްވާ ސާޖިކަލް އެނދު ސަޕްލައިކުރުމާއި، ޑްރިލް ސިސްޓަމް ސަޕްލައިކުރުމާއި، އާތުރޮސްކޯޕީ ސިސްޓަމް ސަޕްލައިކުރުމުގެ މަސައްކަތް، އެއްބަސްވެފައިވާ މުއްދަތަށް ހަވާލުކުރި ފަރާތްތަކުން ނިންމާފައިނުވާ ކަމަށް އޮޑިޓުން ފާހަގަކުރިއެވެ. އަދި އެ ފަރާތުން ދައްކަން ޖެހޭ 429،479 ރުފިޔާ ނުހޯދާ އޮތްކަން ވެސް އެ ރިޕޯޓުގައިވެއެވެ.
ހަމައެއާއެކު އެ ރިޕޯޓުގައި ބުނީ، ޖޫން 17، 2021ގައި ސޮއިކޮށް، ކުޅުދުއްފުށި ހޮސްޕިޓަލުގެ އުފަންހިޔާ މަރާމާތުކުރަން ހަވާލުކުރި މަސައްކަތުގެ އެއްބަސްވުން އޭޕްރިލް 28، 2022ގައި ބާތިލުކުރިއިރު، އެ ހޮސްޕިޓަލަށް ލިބެންޖެހޭ 42،245 ރުފިޔާ ހޯދާފައިނުވާ ކަމަށެވެ.
އެހެންކަމުން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ލަފާދިނީ، އުސޫލާ ޚިލާފަށް، މުވައްޒަފުން ގަޑިޖެހޭނަމަ އަދި އޮފީހަށް ހާޒިރުނުވާނަމަ، އެ ވަގުތުތަކަށާއި ދުވަސްތަކަށް ފައިސާ ނުދިނުމަށާއި، ފައިސާ އިތުރަށް ދިން މުވައްޒަފުގެ އަތުން އެ ފައިސާ އަނބުރާ ހޯދުމަށެވެ.
އޭގެ އިތުރުން، ހޮސްޕިޓަލުން އެލައިޑް އިންޝުއަރެންސަށް ފޮނުވާ ބިލުތައް ރިޖެކްޓުވާ ސަބަބު ބަލައި އެކަން ތަކުރާރުނުވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށާއި، އެއްފަހަރާ ކުރުވާ މަސައްކަތްތަކުގެ އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުނަމަ އެފަދަ މަސައްކަތްތައް ކުރާނެ ފަރާތްތައް ހޯދަން އާންމުކޮށް އިއުލާނުކުރުމަށާއި، ލިބެންޖެހޭ ފައިސާގެ ރެކޯޑުތައް ބެލެހެއްޓުމަށް ވަނީ ލަފާދީފައެވެ.