ދިރާގުން ދޭ ދެ ސްޕީޑްބޯޓުގެ ތެރެއިން ސްޕީޑްބޯޓެއް ލިބޭނެ ކަމަށް އުންމީދުވެސް ނުކުރާ ކަމަށާއި، މިއީ ބަޔާންކޮށްދޭން ވެސް ނޭނގޭ އުފާވެރި އިހުސާސެއް ކަމަށް، ބޯޓު ލިބުނު ޢަބްދުالله ސަޢީދު ބުނެފިއެވެ.
ދެ ސްޕީޑްބޯޓެއް ދޫކުރާ ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ސްޕީޑްބޯޓު ލިބޭ ނަސީބުވެރިޔާ ހޮވީ އިއްޔެ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.
އެ ޕްރޮމޯޝަންގެ ދަށުން ދެ ނަސީބުވެރިއަކަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އޭގެން ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެއެވެ.
އޭގެ ތެރެއިން އެއް ބޯޓު ލިބުނީ ސަޢީދަށެވެ.
މިވަގުތު ރިސޯޓެއްގައި މަސައްކަތްކުރަމުން އަންނަ ސަޢީދު، އޭނާގެ އިހުސާސްތައް 'ސަން'އަށް ކުރު ގޮތަކަށް ކިޔައިދެމުން ބުނީ، ދިރާގުން މީގެ ކުރިންވެސް ކުރިއަށް ގެންދިޔަ ސްޕީޑްބޯޓު ޕްރޮމޯޝަންގައި ބައިވެރިވި ނަމަވެސް، އެފަހަރު އޭނާއަށް ސްޕީޑްބޯޓު ނުލިބުނު ކަމަށެވެ.
ނަމަވެސް އަލަށް ޕްރޮމޯޝަނަކުން މިފަދަ އެއްޗެއް ލިބުނު މިއީ ފުރަތަމަ ފަހަރު ކަމަށާއި، އެހެންވެ، ވަރަށް އުފާވި ކަމަށް، ސަޢީދު ބުންޏެވެ.
"ވަރަށް ބޮޑު ސަޕްރައިޒެއް މިއީ، ނޭނގޭ ބަޔާންކޮށްދޭކަށް،" އޭނާ ބުންޏެވެ.
ނަމަވެސް ރިސޯޓެއްގައި ބުރަކޮށް މަސައްކަތްކުރަމުން އަންނާތީ، ސަޢީދުގެ ވިސްނުން ހުރީ ލޯންޗު ވިއްކާލުމަށެވެ. ސަޢީދު ކިޔައިދިން ގޮތުގައި އޭނާގެ ވިސްނުން ހުރީ ރައްޓެއްސަކަށް، ނުވަތަ ގާތްތިމާގެ މީހަކަށް ލޯންޗު ވިއްކާލުމަށެވެ.
ދިރާގުން ބުނީ، ދެ ސްޕީޑްބޯޓު ލިބޭ މި ޕްރޮމޯޝަންގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު ހަމަވެފައިވީ ނަމަވެސް، ދެވަނަ ސްޕީޑްބޯޓު ކާމިޔާބުކުރުމުގެ ފުރުސަތު އަންނަ މާރިޗު މަހުގެ ނިޔަލަށް ހުޅުވިފައިވާ ކަމަށެވެ. އެގޮތުން ދިރާގުގެ މިހާރުގެ ކަސްޓަމަރުންނަށާއި އާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށް މާރިޗު މަސް ނިމެންދެން ބައިވެރިވެވޭނެއެވެ.