އެގާރަ މީހުންނާއެކު ދަތުރުކުރަމުންދިޔަ އިންޑޮނޭޝިއާ އެއާގެ މަތިންދާބޯޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓުން އޮޕަރޭޓްކުރާ އޭޓީއާރު 42-500 މަރުކާގެ ބޯޓެކެވެ.
އެއީ 2،000 ވަނަ އަހަރު އުފައްދާފައިވާ، ސީރިއަލް ނަންބަރު 611ގެ ބޯޓެކެވެ.
އެ ބޯޓާ ގުޅުން ކެނޑުނީ ދެކުނު ސުލަވެސީގެ މާރޮސް ސަރަހައްދުން މިއަދު ފަތިހު ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. މި ބޯޓުގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މާރޮސް ޑިސްޓްރިކްޓާ ހިސާބުންނެވެ.
އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީއިން މިހާރު ވަނީ ބޯޓު ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދުގައި އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށް، ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފައެވެ.
އެ ގައުމުގެ އިދާރާތަކުން ބުނާގޮތުގައި ބޯޓު ގެއްލުނުއިރު މޫސުން ވެސް އޮތީ ރަނގަޅަށެވެ.