މޮބައިލް ގޭމް ޕަބްޖީގައި ޕާކިސްތާނުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ދަ ރެޖިސައިޑްސް (އާރު3ޖިސައިޑްސް)، ރާއްޖޭގެ އީސްޕޯޓްސް އޯގަނައިޒޭޝަނެއް ކަމަށްވާ ލޯޔަލްޓީ ފަސްޓް އީސްޕޯޓްސް (އެލްއެފް އީސްޕޯޓްސް) އަށް ސޮއިކޮށްފިއެވެ.
އެލްއެފް އީސްޕޯޓްސްއިން އެކަން ހާމަކުރީ އެ އޯގަނައިޒޭޝަންގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައެވެ.
މިކަމާ ގުޅިގެން އެލްއެފް އީސްޕޯޓްސްއިން ބުނީ، މިއީ ދިވެހި އީސްޕޯޓްސް އޯގަނައިޒޭޝަނަކުން ބައިނަލްއަގުވާމީ ވާދަވެރި ގޭމިންގެ ދާއިރާގައި މިހާތަނަށް އެޅި އެންމެ ބޮޑު، ތާރީޚީ ފިޔަވަޅު ކަމަށެވެ.
އެހެންކަމުން މި އެއްބަސްވުމުގެ ދަށުން ރެޖިސައިޑްސްގެ މުޅި އޯގަނައިޒޭޝަން މިހާރު ހިނގަމުން ދާނީ އެލްއެފް ސްޕޯޓްސްގެ ދަށުންނެވެ. އެލްއެފް ސްޕޯޓްސްއިން ސިފަކުރާ ގޮތުގައި، މިއީ ބައިނަލްއަގުވާމީ އީސްޕޯޓްސް މައިދާނުގައި ރާއްޖެއިން ގެންގުޅޭ އާ އަމާޒުތަކުގެ މުހިންމު ފެށުމެކެވެ.
"ޕަބްޖީ މޯބައިލް ރޯސްޓާ 2026"ގެ ނަމުގައި ނެރުނު ކުޑަ ވީޑިއޯއަކަށްފަހު، އެލްއެފް އީސްޕޯޓްސްއިން ވަނީ އެ ޓީމުގެ ކުޅުންތެރިން ތައާރަފުކޮށްފައެވެ. އެ ޓީމުގައި ހިމެނޭ ފަސް ކުޅުންތެރިންނަކީ ޝާކާއާއި ސީނިއާއާއި ޕިންކްމޭންގެ އިތުރުން ރޮޝާން، އަދި ވާޒްއެވެ.
އެލްއެފް އީސްޕޯޓްސްއިން ބުނީ، މި ހިނގާ 2026 ވަނަ އަހަރު މި ޓީމު ކުރިމަތިލަނީ އީސްޕޯޓްސްގައި "ބިނާކުރަނިވި ތާރީޚެއް" އުފެއްދުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ދަ ރެޖިސައިޑްސްއަކީ ސަރަހައްދީ އެންމެ މަތީ ފަންތީގެ މުބާރާތްތައް ކަމަށްވާ ޕަބްޖީ މޮބައިލް ސުޕަ ލީގު (ޕީއެމްއެސްއެލް) ސެންޓްރަލް އެންޑް ސައުތު އޭޝިއާގައި ވާދަކޮށްފައިވާ ޓީމެކެވެ. މީގެ އިތުރުން އެ ޓީމަކީ ޕީއެމްއެންސީ ޕާކިސްތާން ސްޕްރިންގް 2025ގެ ރަނަރަޕް ޓީމެވެ.
މި ބަދަލާއެކު، އީސްޕޯޓްސްގެ ތަފާސްހިސާބުތައް ބަލަހައްޓާ ބައިނަލްއަގުވާމީ ސައިޓްތަކުން މިހާރު ވަނީ މި ފަސް ކުޅުންތެރިންނަކީ އެލްއެފް އީސްޕޯޓްސްގެ ރަސްމީ ކުޅުންތެރިންގެ ގޮތުގައި ހިމަނައިފައެވެ. އެހެންކަމުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި އީސްޕޯޓްސްއަށް އޮތް ސަމާލުކަން އިތުރުވެ، ސްޕޮންސަރުން ލިބުމަށް މަގުފަހިވެ، އަދި ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް މަތީ ފަންތީގެ މުބާރާތްތަކަށް އަމާޒުހިފުމަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށް، އެލްއެފް އީސްޕޯޓްސްއިން މައުލޫމާތު ދެއެވެ.