މީދޫގައި މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ، މުއްތަލިބާ ސުވާލުކުރަން އެދިއްޖެ

އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާނާއި މިނިސްޓަރު މުއްތަލިބު: މީދޫގައި މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ، މުއްތަލިބާ ސުވާލުކުރަން އެދިއްޖެ -- ފޮޓޯ/ މަޖިލިސް

އައްޑޫ މީދޫގައި އަމަލީ މަސައްކަތް ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ނުދާ ސަބަބެއް އޮޅުން ފިލުވުމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މިނިސްޓަރާ ސުވާލުކުރުމަށް ހުށަހެޅުއްވީ، އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނެވެ.

މެންބަރު މަޖިލީހަށް ހުށަހެޅުއްވީ، މީދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓުތަކާއި ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގެން ފެއްޓެވި މަޝްރޫއުތައް ނުހިނގާތީ އެ މައްސަލައެވެ. އޭނާ ވަނީ ޕްރޮޖެކްޓްތައް ނުހިނގަނީ އެ ސިޓީގެ ކައުންސިލުން ނުވަތަ ދާއިރާގެ މަޖިލިސް މެންބަރުން އެއްބާރުލުން ނުލިބިގެންތޯ މިނިސްޓަރާ ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައެވެ. އަދި، މަޝްރޫއުތައް ފަށައިގަނެވޭނީ، ކައުންސިލާއި މެންބަރުން ކޮން ކަމެއް ކޮށްދިނީމަތޯ ސާފުކުރުމަށް އަބްދުއްރަހުމާން ވަނީ ހުށަހަޅުއްވާފައެވެ.

އަބްދުއްރަހުމާނު ވިދާޅުވި ގޮތުގައި، އެއީ، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުން މިނިސްޓަރާ ކުރެއްވުމަށް އެދުނު ސުވާލުތަކެކެވެ.

މީދޫގައި މަޝްރޫއުތައް ކުރިއަށް ނުދާ ސަބަބެއް ބެލުމަށް ހުށަހެޅިއިރު، އެކި ރަށްތަކުގައި މަޝްރޫއުތައް ކުރިއަށް ނުދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެކަމާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://sun.mv/216120

އެހެންނަމަވެސް މިއިން ޒަމާނަކު ނުހިންގާ ވަރަށް އިމާރާތްކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް މިދިޔަ ޑިސެމްބަރު 28ގައި، މިނިސްޓަރު މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއް ކަމުގައި ރައީސް ޑރ. މުހައްމަދު ވަނީ އިއުލާނުކުރައްވާފައެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެންބަރު 18 އާ ހަމައަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޚަރަދުކުރީ 197 މިލިއަން ރުފިޔާއެވެ. އެއީ ޚަރަދުކުރަން ވައުދުވެ، ބަޖެޓު ފޮތުގައި ލިޔުނު 1.8 ބިލިއަން ރުފިޔާގެ އެންމެ 11 އިންސައްތައެވެ. ބާކީ 98 އިންސައްތައިގައި އަތް ވެސް ނުލައެވެ.

comment ކޮމެންޓް