މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މިހާރުގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު، އެމްޑީޕީން އިއްޔެ ބޭއްވި ކައުންސިލް އިންތިޚާބުގެ ޕްރައިމަރީން ނާކާމިޔާބުވެއްޖެއެވެ.
އޭނާ މި ފަހަރު ވާދަކުރެއްވީ މައްޗަންގޮޅި އުތުރު ދާއިރާއަށެވެ. އެ ދާއިރާއަށް ދެން ވާދަކުރެއްވީ ހަދީޖާ މުހައްމަދު (ހައްޖަ)އެވެ. އޭނާއަކީ އެމްޑީޕީގެ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން އަންނަ އެކްޓިވިސްޓެކެވެ. އިއްޔެ ބޭއްވި ޕްރައިމަރީން ބޮޑު ތަފާތަކުން ސައިފް ބަލިކޮށް، ޓިކެޓު ކާމިޔާބުކުރެއްވީ ހައްޖައެވެ.
އިއްޔެ އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ހައްޖައަށް 85 ވޯޓު ލިބުންއިރު ސައިފަށް ލިބުނީ އެންމެ 32 ވޯޓެވެ. އެހެންވެ، މިހާރު ކައުންސިލްގައި ހުންނެވި ސައިފަށް ވަނީ ކައުންސިލް ޓިކެޓު ގެއްލިފައެވެ.

މާލޭ ސިޓީގެ ކައުންސިލަރު ސައިފް: އޭނާއަށް ވަނީ ޕްރައިމަރީން ނާކާމިޔާބުވެފައި --- ސަން ފޮޓޯ
ފާހަގަކޮށްލެވޭ ގޮތުގައި ސައިފަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު އެމްޑީޕީ ދޫކޮށް، ދަ ޑިމޮކްރެޓްސްއަށް ވެސް ސޮއިކުރެއްވި ބޭފުޅެކެވެ. އޭނާ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވީ ކައުންސިލް އިންތިޚާބުގައި ވާދަކުރާށެވެ.
ސައިފް މީގެ ކުރިން ޑިމޮކްރެޓްސްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވެސް ވާދަކުރެއްވިއެވެ. އެ ފަހަރު 2،000 އެއްހާ ވޯޓާ އެކު އޭނާއަށް ލިބިވަޑައިގެންނެވީ ތިންވަނައެވެ. 7،000 އަށްވުރެ ގިނަ ވޯޓާ އެކު މާލޭގެ މޭޔަރުކަން ކާމިޔާބުކުރެއްވީ މިހާރު ހުންނެވި އާދަމް އާޒިމެވެ.
ޑިމޮކްރެޓްސްއަށް ވަޑައިގެންނެވި ކުރީގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވަނީ ނާކާމިޔާބުވެފައެވެ. މާލޭ މޭޔަރުކަމަށް އޭނާ ވާދަކުރެއްވި ނަމަވެސް އިއްޔެގެ ޕްރައިމަރީގައި ލިބިވަޑައިގެންނެވީ 962 ވޯޓެވެ. ޓިކެޓު ކަށަވަރުކުރެއްވި މިހާރުގެ މޭޔަރު އާދަމް އާޒިމަށް 1،400 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ.