ގިނަ ބަޔަކު މޫދަށް އެރޭ ރަސްފަންނުގައި ތޫނު އިތާތަކެއް! ސަމާލުވޭ

ރަސްފަންނުން މުސްތަފާ ނެގި އިތާތަކެއް --- ފޮޓޯ/ މުސްތަފާ

މާލޭގައި އުޅޭ ގިނަ ބަޔަކު މޫދަށް އެރޭ ރަސްފަންނު މޫދުގައި ކޮޅަށް ތޫނުކޮށް، ހުރި އިތާތަކެއް ހުރުމުން ސަމާލުވާން އެދިއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުންގެ ސަމާލުކަމަށް އެކަން ގެނައީ، ޣިޔާސުއްދީން ސުކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރަސްފަންނުގައި އަންނަ ރެސްޓޯރަންޓާ ދިމާލުން މޫދުގައި ގިނަ އަދަދަކަށް ތޫނު އިތާތައް އެބަހުއްޓެވެ. އެ އިތާތައް ހުރީ، މޫދު ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ރަސްފަންނުގައި އިތާތައް ހުރި ސަރަހައްދު މެޕުގައި ފާހަގަކޮށްފައި --- ފޮޓޯ/ މުސްތަފާ

އެއީ، ކޮޅަށް ވަރަށް ތޫނުކޮށް ހުންނަ އިތާތަކެއްކަން ފާހަގަކޮށް، އޭނާ ވަނީ މޫދުގެ ވެލިގަނޑުގައި ހިނގާއިރު، ފައި ކެނޑިދާނެތީ ސަމާލުވާން އިލްތިމާސްކުރައްވާފައެވެ. ހިކި ދިޔައިގައި، އެ ސަރަހައްދުގައި ހުސްފައިގައި އުޅޭއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

އެ ސަރަހައްދު ފާހަގަކޮށް، އޭނާ ވަނީ ފޮޓޯއެއް ވެސް ހިއްސާކުރައްވާފައެވެ.

އޭގެ އިތުރަށް، އެއީ ކެއުމަށް ބޭނުންކުރާ އިތައެކެވެ. އެ އިތާތަކުގައި ކުޑަ މަސްކޮޅެއް އިން ނަމަވެސް، ގިނަ ބަޔަކު އެ ސަރަހައްދުން އިތާ ނަގާނަމަ، މަދު ކުރެވިދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަސްފަންނަކީ ގިނަ އަދަދެއްގެ މީހުން އެކި ވަގުތުތަކުގައި ހިތް އުފާކޮށްލުމަށް ގޮސް އުޅޭ ތަނެއް ކަމަށްވާއިރު، އެ ސަރަހައްދަށް މޫދަށް އެރޭ މީހުން ވެސް މަދެއް ނޫނެވެ. ޚާއްސަކޮށް، ސުކޫލު ބަންދު ދުވަސްވަރަށް މީހުން އިތުރުވެއެވެ.

comment ކޮމެންޓް