ބަތަލާ މްރޫނާލް ތާކުރްއާއި ދެކުނު އިންޑިއާގެ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ދަނުޝް އަންނަ މަހު ކައިވެނިކުރަން އުޅޭ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ފްރީ ޕްރެސް ޖާނަލްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ދެ ތަރިން ކައިވެނިކުރަން ނިންމާފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހު ފާހަގަކުރާ ލޯބިވެރިންގެ ދުވަހެވެ.
މި ކައިވެނީގެ ރަސްމިއްޔާތުގެ ކަންކަން ވަރަށް ސިއްރުން ރާވަމުން އަންނަ ކަމަށާއި ކައިވެނީގެ ރަސްމިއްޔާތަށް ދައުވަތު ދޭން ނިންމާފައިވަނީ ދެ ފަރާތުގެ އާއިލާގެ ގާތް މީހުންނަށާއި ރަހުމަތްތެރިންނަށް އެކަނި ކަމަށް ވެސް ފްރީ ޕްރެސް ޖާނަލްގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ދަނުޝްއާއި ބަތަލާ މްރޫނާލްގެ ލޯބީގެ ގުޅުމުގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އަންނަން ފެށީ ދެ ތަރިން އެކީގައި ގިނަ ހަފުލާތަކުން ފެންނަން ފެށުމުންނެވެ.

ފިލްމީ ތަރިން ކަމަށްވާ ދަނުޝް އާއި މްރޫނާލް ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ސްކްރީނިންގް ހަފްލާގައި--ފޮޓޯ/އެންޑީޓީވީ
ހަމައެއާއެކު މިދިޔަ އަހަރު ރިލީޒްކުރި މްރޫނާލް މުހިއްމު ރޯލެއް ކުޅުނު ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ސްކްރީނިންގް ހަފުލާގައި ދަނުޝް ބައިވެރިވުމުން ދެ ތަރިންގެ މެދުގައި ގުޅުމެއް އޮތް ކަމަށް ބުނެ، ދެކެވެމުންދިޔަ ވާހަކަތަކަށް އިތުރު ބާރެއް ލިބުނެވެ.
ނަމަވެސް، މިހާތަނަށް މިކަމާ ގުޅިގެން މްރޫނާލް މުޅިންވެސް ބުނެފައިވަނީ ދަނުޝްއަކީ ބަތަލާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. މީގެ ކުރިން ނިއުސް18ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ދަނުޝްއާއި މްރޫނާލްގެ ގުޅުން ބޮޑަށް ބަދަހިވީ ބަތަލާއަށް މިފަހުން ދެކުނު އިންޑިއާގެ ފިލްމުތަކުން ލިބުނު ގިނަ ފުރުސަތުތަކާ ގުޅިގެންނެވެ.
ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރި ރަޖިނީކާންތުގެ ދަރިފުޅު އައިޝްވާރިޔާ ރަޖިނީކާންތުއާ އެކު ދަނުޝް ވަނީ ކުރިން ކައިވެނިކޮށްފައެވެ. މި ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު 2022ގައި ދެ މީހުންގެ 18 އަހަރުވީ ކައިވެނި ރޫޅާލިކަން ވަނީ އިއުލާނުކޮށްފައެވެ.
ދަނުޝް އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ ނޮވެންބަރު މަހު ރިލީޒްކުރި ލޯބީގެ ފިލްމު "ތޭރެ އިޝްޤް މޭ"އިންނެވެ. ބަތަލާ މްރޫނާލް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ މަހުގެ 20ގައި ރިލީޒްކުރާ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑަކްޝަންގެ ފިލްމު "ދޯ ދިވާނޭ ސެހެރް މޭ"އިންނެވެ.