އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާއިން ގޫގުލްއިން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށް، "ޓްރާންސްލޭޓްޖެމާ"ގެ ނަމުގައި އޯޕަން ސޯސްކޮށް ބޭނުންކުރެވޭ އާ ތަރުޖަމާ މޮޑެލްތަކެއް އެ ކުންފުނިން އާންމުކޮށްފިއެވެ.
މި އަހަރުގެ ތެރޭގައި ގޫގުލްއިން އަންނަނީ އެޕަލްއާ އެކު ޕާޓްނަޝިޕް ހެދުމާއި، ޖެމިނައިއަށް އާ ފީޗާތައް އިތުރުކުރުން ފަދަ ގިނަ ކުރިއެރުންތަކެއް މި ދާއިރާއިން ހޯދަމުންނެވެ.
މި ފަހަރު ގޫގުލްއިން އަމާޒު ހިފާފައިވަނީ އޯޕަން ކޮމިއުނިޓީއަށް ނުވަތަ އާންމުކޮށް އެންމެންނަށް ބޭނުންކުރެވޭނެ ވަސީލަތްތަކެއް ފޯރުކޮށްދިނުމަށެވެ. އެގޮތުން، ނެރުނު މަލްޓިލިންގުއަލް މޮޑެލްތަކަކީ ގިނަ ބަސްތަކަކުން ލިޔުންތައް ތަރުޖަމާކުރުމުގެ އިތުރުން، ފޮޓޯގައި ހުންނަ ލިޔުންތައް ދެނެގަނެ ތަރުޖަމާކުރުމުގެ ގާބިލުކަން ވެސް ލިބިފައިވާ މޮޑެލްތަކެކެވެ.
ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި ޓްރާންސްލޭޓްޖެމާގެ ތިން ވައްތަރެއްގެ މޮޑެލް މިހާރު ވަނީ ނެރެފައެވެ. މި މޮޑެލްތައް ހަގިން ފޭސް އަދި ކެގަލް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި ވިޔަފާރިތަކަށާއި ދިރާސާކުރާ ފަރާތްތަކަށް ވެސް މި މޮޑެލްތައް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މޮޑެލްތައް ނެރެފައިވަނީ 4 ބީ، 12 ބީ އަދި 27 ބީ ޕެރަމީޓަރުގެ ސައިޒުތަކުގައެވެ. މީގެ ތެރެއިން އެންމެ ކުޑަ 4 ބީ މޮޑެލްއަކީ މޯބައިލް ފޯނުތަކުގައި ބޭނުންކުރުމަށް ޚާއްޞަ މޮޑެލްއެއް ކަމަށާއި، 12 ބީ މޮޑެލްއަކީ އާންމު ލެޕްޓޮޕްތަކުގައި ހިންގުމަށް ފަރުމާކޮށްފައިވާ މޮޑެލްއެއް ކަމަށް ގޫގުލްއިން ބުނެއެވެ.
އެންމެ ބޮޑު 27 ބީ މޮޑެލް ފަރުމާކޮށްފައިވަނީ އެންމެ މަތީ ފެންވަރުގެ ނަތީޖާ ހޯދުމަށެވެ. މި މޮޑެލްއަކީ އެންވީޑިއާ އެޗް100 ޖީޕީޔޫ ފަދަ ވަރުގަދަ ހާޑްވެއާތަކުގައި ލޯކަލްކޮށް ހިންގޭނެ މޮޑެލްއެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ޖެމާ 3 މޮޑެލްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި މޮޑެލްތައް ތަމުރީނުކުރުމުގައި، މަދު ބަޔަކު ވާހަކަދައްކާ ބަސްތަކަށް ނުވަތަ ޑޭޓާ މަދު ބަސްތަކަށް ވަރަށް ބޮޑަށް އިސްކަންދީފައިވެއެވެ. މިގޮތުން، ސުޕަވައިޒްޑް ފައިން-ޓިއުނިންއާއި ރީއިންފޯސްމަންޓް ލާނިން ބޭނުންކޮށްގެން ތަރުޖަމާގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ.
ގޫގުލްއިން ބުނާ ގޮތުގައި 12 ބީ ގެ ޓްރާންސްލޭޓްޖެމާ މޮޑެލްއިން ދައްކާ ނަތީޖާ 27 ބީ ގެ ޖެމާ 3 މޮޑެލް އަށް ވުރެ ވެސް ބައެއް ދާއިރާތަކުން ރަނގަޅެވެ. މީގެ ސަބަބުން މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން މާ ފެންވަރު ރަނގަޅު ތަރުޖަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް ލިބޭނެއެވެ.
މި މޮޑެލްތައް މިހާރު 55 ބަސްބަހަކުން ތަރުޖަމާކުރުމަށް ތަމުރީނުކޮށްފައިވާއިރު، މީގެ ތެރޭގައި ހިންދީ، ޗައިނީޒް، ސްޕެނިޝް އަދި ފްރެންޗް ފަދަ ބަސްތައް ހިމެނެއެވެ. މީގެ އިތުރުން އިތުރު 500 ބަހަކުން ވެސް މި މޮޑެލްއަށް މަސައްކަތް ކުރެވޭނެ ކަމަށާއި ފޮޓޯއިން ލިޔުންތައް ދެނެގަނެ ތަރުޖަމާކުރުމަކީ މި މޮޑެލްގެ ޚާއްޞަ ސިފައެއް ކަމަށް ގޫގުލްއިން ވަނީ ހާމަކޮށްފައެވެ.