ޗައިނާގެ ޔުނިވާސިޓީތަކުގެ ކުރިމަތީގައި އެމެރިކާގެ ޔުނިވާސިޓީތައް ދެވަނަ ދަރަޖައަށް ވެއްޓިއްޖެ: ރިޕޯޓް

ޗައިނާގެ ޝިޖިއާންގް ޔުނިވާސިޓީ

ވޮޝިންޓަން (16 ޖަނަވަރީ 2026) : އެމެރިކާގެ އެންމެ މަތީފެންވަރުގެ ޔުނިވާސިޓީތައްވެސް ޗައިނާގެ ޔުނިވާސިޓީތަކުގެ ކުރިމަތީގައި އަޑިއަޅާލައި ދެވަނަ ދަރަޖައަށް ވެއްޓިގެން ހިނގައްޖެކަމަކަށް ކަމާބެހޭ ދިރާސާ ރިޕޯޓެއް ބުނެފިއެވެ.

ނިޔުޔޯކް ޓައިމްސްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓް ބުނާގޮތުން އެކަޑެމިކް އައުޓް ޕުޓްއާއި ރީސާޗް އައުޓްޕުޓްއަށް ބަލާއިރު ޗައިނާގެ އެންމެ މަތީލެވެލްގެ 10 ޔުނިވާސިޓީއާ ފައިހަމަ ކުރެވޭ އެއްވެސް ޔުނިވާސިޓީއެއް މިހާރު އެމެރިކާގައި ނެތެވެ.

މި ރިޕޯޓް ބުނާގޮތުން ޔުނިވާސިޓީތަކުގެ އެކަޑެމިކް ރޭންކިންއަށް ބަލާއިރު އެމެރިކާގެ އެންމެ މަޝްހޫރު ޔުނިވާސިޓީކަމަށްވާ ހާވަޑް ޔުނިވާސިޓީވެސް ޗައިނާގެ އެންމެ މޮޅު 10 ޔުނިވާސިޓީގެ ކުރިމަތީގައި މިހާރުވަނީ ދެވަނަ ދަރަޖައަށް ވެއްޓިފައެވެ.

ނަމަވެސް މީގެ 20 އަހަރު ކުރިއާ އަޅާބަލާއިރު ހާވަޑްއިން ނެރޭ ރީސާޗްތަކުގެ އަދަދު އެ ޔުނިވާސިޓީން މިހާރު ނެރޭ ރީސާޗްތަކުގެ އަދަދަށް ވުރެ ގިނައެވެ. ނަމަވެސް މައްސަލައަކީ ޗައިނާގެ ޔުނިވާސިޓީތަކުގެ ރީސާޗްތަކުގެ ފެންވަރާ އަޅާބަލާއިރު ހާވަޑްގެ އެ ރީސާޗްތަކުގެ ފެންވަރާއި ކޮލިޓީ ބޮޑުތަނުން ދަށަށް ދިޔުމެވެ. ރީސާޗްތަކުގެ އަގާއި ވެލިއުވެސް ދަށަށްދިޔުމެވެ.

މިއީ ފާއިތުވި 80 އަހަރު ތެރޭގައި އެމެރިކާގެ ޔުނިވާސިޓީތަކުގެ އިލްމީ ފެންވަރާއި ކުރިއެރުން އަދި ރޭންކިންގް ދުނިޔޭގައި އަޑިއަޅާލި ފުރަތަމަ ފަހަރުކަމަށް މި ރިޕޯޓް ބުނެއެވެ.

އެމެރިކާގެ ހާވަޑް ޔުނިވާސިޓީ

ދުނިޔޭގެ މޮޅެތި ޔުނިވާސިޓީތަކުގެ ފެންވަރާއި ރޭންކިން ބެލުމުގެ ދިރާސާތައްކުރާ ނެދަލޭންޑްސް ލައިޑެން ޔުނިވަސިޓީގެ ރީސާޗް މަރުކަޒެއްކަމަށްވާ "ސެންޓާ ފޯ ސައެންސް އެންޑް ޓެކްނޮލޮޖީ ސްޓަޑީސް" އިން ކުރި ދިރާސާއަކުން ހާމަވާގޮތުގައި އެކަޑެމިކް އައުޓް ޕުޓްއާއި ރީސާޗް އައުޓްޕުޓް އާއި އެނޫންވެސް އެތައް ކަމަކަށް ރިއާޔަތްކޮށްގެން ދުނިޔޭގެ ޔުނިވާސިޓީތަކުގެ ފެންވަރު ބެލުމަށް އެންމެފަހުން ހެދި ރޭންކިންއަށް ބަލާއިރު މިހާރު ދުނިޔޭގެ އެންމެ މޮޅު 10 ޔުނިވަސިޓީގެ ތެރެއިން ހަތް ޔުނިވާސިޓީ ހުރީ ޗައިނާގައެވެ.

ނަމަވެސް 2001 ވަނަ އަހަރާއި 2010 ވަނައަހަރާ ދެމެދު "ސެންޓާ ފޯ ސައެންސް އެންޑް ޓެކްނޮލޮޖީ ސްޓަޑީސް" އިން ކުރި ދިރާސާތަކާ ގުޅިގެން އޭރު ހެދި ރޭންކިންގައި ދުނިޔޭގެ އެންމެ ގަދަ 10 ޔުނިވާސިޓީތެރޭގައި ޗައިނާގެ އެއްވެސް ޔުނިވާސިޓީއެއް ނުހިމެނެއެވެ.

އޭރުގެ ޗައިނާގެ އެންމެ މޮޅު ޔުނިވާސިޓީކަމަށްވާ ޝިޖިޔާންގް ޔުނިވާސިޓީވެސް ހިމެނިފައިވަނީ ދުނިޔޭގެ އެންމެ މޮޅު 25 ޔުނިވާސިޓީގެ ތެރޭގައެވެ. އެ ދުވަސްވަރުގެ ރޭންކިންގްގައި ދުނިޔޭގެ އެންމެ މޮޅު 10 ޔުނިވަސިޓީގެ ތެރެއިން ހަތް ޔުނިވާސިޓީ ހުރީ އެމެރިކާގައެވެ.

ނިޔުޔޯކް ޓައިމްސް ބުނާގޮތުން އެމެރިކާގެ ޔުނިވާސިޓީތަކުގައި މިހާރު ހަމައެކަނި އެކަޑެމިކް އައުޓް ޕުޓްއާއި ރީސާޗް އައުޓްޕުޓް ދަށީކީ ނޫނެވެ. ޔުނިވާސިޓީތަކަށް އެމެރިކާ ސަރުކާރުން ސިޔާސީ ނުފޫޒުވެސް ފޯރުވަނީއެވެ.

ސިޔާސީ ކަންކަމާ ގުޅިގެން އެމެރިކާގެ ސަލާމަތީ ބާރުތައް ޔުނިވާސިޓީތަކަށް ވަދެގަނަ ބާރުގެ ބޭނުންކޮށް ދަރިވަރުންނާއި ޕްރޮފެސަރުންނަށް ބިރުދައްކައި "ކްރެކްޑައުން" ވެސް ކުރަނީއެވެ. އެކަޑެމިކް މިނިވަންކަންވެސް ހަނިކުރަނީއެވެ.

ސިޔާސީ ކަންކަމާ ގުޅިގެން މޮޅެތި ރީސާޗަރުންނާއި ޕްރޮފެސަރުން ވަކިކުރުމާއި އެ މީހުންނަށް ބިރުދެއްކުންވެސް އެމެރިކާގައި ދުވަހެއް ދުވަހަކަށް އިތުރުވަމުން ދަނީއެވެ. އަނެއްކޮޅުން އެމެރިކާ ސަރުކާރުން ޔުނިވާސިޓީތަކަށް ދޭ ގްރާންޓްވެސް ސިޔާސީ ސަބަބުތަކާ ގުޅިގެން ނޫނީ އިސްރާއީލަށް ފާޑުކިޔާ މައްސަލާގައި ނުދީ ހިފަހައްޓަނީއެވެ. ނަތީޖާއަކީ މޮޅެތި އިލްމީ ސިކުނޑިތައް އެމެރިކާ ދޫކޮށް ދާން ފެށުމެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ދެކޮޅަށް އެމެރިކާގެ ކޮލަންބިއާ ޔުނިވާސިޓީފަދަ ބޮޑެތި ޔުނިވާސިޓީތަކުގެ ދަރިވަރުން ފާއިތުވި އަހަރުތަކުގައި މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރުމުން އެމެރިކާގެ ސަލާމަތީ ބާރުތައް އެ ޔުނިވާސިޓީތަކުގެ ކެންޕަސްތަކަށް ވަދެގަނެ ދަރިވަރުންނާއި ޕްރޮފެސަރުންނާއި ލެކްޗަރާއިން އަދި ރިސާޗަރުންފަދަ ފެކަލްޓީ މެންބަރުން ހައްޔަރުކޮށް އެ މީހުންނަށް އަނިޔާކޮށް ބައެއް މީހުން ވަނީ ޔުނިވާސިޓީތަކުން ވަކިވެސް ކޮށްފައެވެ.

އަނެއްބައި މީހުން ވަނީ ނިކަމެތި ގޮތްގޮތަށް އެމެރިކާއިން ބޭރުކޮށްލާފައެވެ. ޚާއްސަކޮށް ބޭރުގައުމުތަކަށް ނިސްބަތްވާ ދަރިވަރުންނާއި ފެކަލްޓީ މެންބަރުން އަދި ރީސާޗަރުންނެވެ.

ނަތީޖާއެއްގެ ގޮތުން އެމެރިކާގެ މޮޅެތި ސިކުނޑިތައް ގިނަ އަދަދަކަށް އެމެރިކާ ދޫކޮށް ޗައިނާ، އާއި އޭޝިއާގެ ގައުމުތަކާއި އޮސްޓްރޭލިއާ އަދި ޔޫރަޕް އާއި ބްރަޒީލް ފަދަ ގައުމުތަކަށް ހިޖުރަ ކުރަމުން ގެންދާކަން ހާމަކޮށް ކަމާބެހޭ ތަފާސް ހިސާބުތަކާއެކު އެމެރިކާގެ އިންޑިއާ ދަރިކޮޅުގެ މަޝްހޫރު ނޫސްވެރިޔާ ފަރީދު ޒަކަރިއްޔާ ދާދިފަހުންވަނީ ވަރަށް ޝައުގުވެރި އާޓިކަލް އެއްވެސް ލިޔުއްވާފައެވެ.

ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވާ ގޮތުގައި އެމެރިކާގެ ޔުނިވާސިޓީތަކުގެ އެކަޑެމިކް މިނިވަންކަން ވަނީ ޑިމޮކްރަސީ ނެތް ގައުމުތަކުގެ ފެންވަރަށް މިހާރު ވެއްޓިފައެވެ.

comment ކޮމެންޓް