ޝިއޯމީގެ ސަބް ބްރޭންޑް ރެޑްމީއިން އެކްޓިވް ނޮއިސް ކެންސަލޭޝަން (އޭއެންސީ) އާއި އެޕް މެދުވެރިކޮށް ކޮންޓްރޯލް ކުރެވޭ "ރެޑްމީ ބަޑްސް 8 ލައިޓް" ދުނިޔޭގެ ބައެއް މާކެޓްތަކަށް ތައާރަފްކޮށްފިއެވެ.
މި އިއާބަޑްސްއަކީ ފެންވަރު ރަނގަޅު އަޑާއި، ގިނަ ވަގުތު ބެޓެރީ ހިފަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.
މި އިއާބަޑްސްގައި 12.4 މިލިމީޓަރުގެ ޓައިޓޭނިއަމް ޑައިފްރަމް ޑައިނަމިކް ޑްރައިވަރުތަކެއް ހިމެނޭއިރު، މިއީ އެސްބީސީ އަދި އޭއޭސީ ކޯޑެކް ސަޕޯޓްކުރާ އެއްޗެކެވެ. އަދި ޝިއޯމީ އިއާބަޑްސް އެޕް މެދުވެރިކޮށް ބޭނުންކުރާ މީހަކަށް ކަމުދާގޮތަށް އަޑުގެ ސެޓިންގްސް ނުވަތަ ފަސް އީކިއު މޯޑެއް ބަދަލުކޮށްލުމުގެ ފުރުސަތު ލިބެއެވެ.
ބޭރުގެ އަޑުތައް 42 ޑެސިބެލްއާ ހަމައަށް ކަނޑުވާލަދޭ ހައިބްރިޑް އޭއެންސީ ފީޗާގެ އިތުރުން، ފޯނު ކޯލްތަކުގައި ބޭރުގެ އަޑުތައް ކަނޑުވާލުމަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ. އަދި ބޭރުގައި އުޅޭއިރު ވައިގެ ސަބަބުން ކޯލްތަކަށް އަންނަ ބުރޫ ކުޑަކުރުމަށް އަޑު ސާފުކޮށްދޭ ހާއްސަ ސިސްޓަމެއް މީގައި ހިމަނާފައިވެއެވެ.

ނޫ، ކަޅު އަދި ހުދު ކުލައިން ލިބެން ހުރި މި އިއާބަޑްސް ފުރަތަމަ ނެރުނީ ސިންގަޕޫރުގެ ބާޒާރަށް ----
ބްލޫޓޫތު 5.4 ގެ އެހީގައި އެއްފަހަރާ ދެ ޑިވައިސްއަކާ ގުޅާލެވޭ މި އިއާބަޑްސްއަކީ ގޫގުލް ފާސްޓް ޕެއާ ސަޕޯޓްކުރާ އެއްޗެކެވެ. މީގެ ސަބަބުން އެންޑްރޮއިޑް ފޯނުތަކާ ވަރަށް ފަސޭހައިން މި އިއާބަޑްސް ގުޅާލެވޭނެއެވެ.
ބެޓެރީގެ ގޮތުން ބަލާއިރު، އެއްފަހަރު ޗާޖުކޮށްލައިގެން އަށް ގަޑިއިރު ބޭނުންކުރެވޭއިރު، ޗާޖިން ކޭސްއާ އެކު ޖުމްލަ 36 ގަޑިއިރުގެ ބެޓެރީ ލައިފް ލިބެއެވެ. އަދި އެންމެ 10 މިނެޓު ޗާޖުކޮށްލައިގެން ދެ ގަޑިއިރުގެ ބޭނުންކުރެވޭ ފާސްޓް ޗާޖިން ފީޗާ ވެސް މީގައި ހިމެނެއެވެ.
ހިރަފުހާއި ފެނުގެ އަސަރުން ރައްކާތެރިކޮށްދޭ އަޕީ54 ރޭޓިންގް ލިބިފައިވާ މި އިއާބަޑްސްގެ ކޮންމެ ފަރާތެއްގެ ބަރުދަނުގައި ހުންނަނީ 4.5 ގްރާމެވެ. މިއީ ވަރަށް ލުއިކޮށް، ބޭނުންކުރަން ފަސޭހަގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.
ސިންގަޕޫރުގެ ބާޒާރުގައި ގާތްގަނޑަކަށް 24.90 ސިންގަޕޫރު ޑޮލަރަށް (ގާތްގަނޑަކަށް 18.60 ޔޫއެސް ޑޮލަރު) ވިއްކާ މި އިއާބަޑްސް ގަންނަ ފަރާތްތަކަށް ދެ މަސްދުވަހުގެ ސްޕޮޓިފައި ޕްރީމިއަމް މުޅިން ހިލޭ ލިބޭނެއެވެ.
ނޫ، ކަޅު އަދި ހުދު ކުލައިން ލިބެން ހުރި މި އިއާބަޑްސް އެހެން ގައުމުތަކުގެ ބާޒާރަށް ނެރޭނެ ތާރީޚެއް އަދި އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.