ޔޫއޭއީގެ ވިޔަފާރިވެރިއަކު މުވައްޒަފުންނަށް ހަދިޔާއަކަށް އައިފޯން 17 ޕްރޯ މެކްސް ދޭން ނިންމައިފި

"ޔުނިވަރސަލް މާބަލް"ގެ މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު އަސްލަމް ގުރައިޝީ މުވައްޒަފަކަށް އައިފޯން ހަވާލުކޮށް ދެއްވަނީ--ފޮޓޯ/ގަލްފްނިއުސް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ފުޅާދާއިރާއެއްގައި މާބަލް ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތްކުރާ ފުންނާބުއުސް އެއް ކުންފުނި ކަމަށްވާ "ޔުނިވާސަލް މާބަލް"އިން އެ ކުންފުނީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން، ކޮންމެ މުވައްޒަފަކަށް އެންމެ ފަހުގެ އެޕަލް އައިފޯން 17 ޕްރޯ މެކްސް ފޯނު ހަދިޔާކުރުމަށް ނިންމައި އެކަން އިޢުލާންކޮށްފިއެވެ.

މި ފެށުނު އާ އަހަރުގެ އުފާ ފާހަގަކުރުމަށް ޖެނުއަރީ ދެ ވަނަ ދުވަހު ބޭއްވި ހަފުލާއެއްގައި މިކަން އިޢުލާން ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު އަސްލަމް ގުރައިޝީއެވެ.

ގުރައިޝީ ވިދާޅުވި ގޮތުގައި ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ދޭން ނިންމި މި ހަދިޔާއަކީ، މުވައްޒަފުން މެދުކެނޑުމެއް ނެތި ކުރަމުންދާ ބުރަ މަސައްކަތާއި، ކުންފުންޏަށް ބަހައްޓާ ވަފާތެރިކަމުގެ އިތުރުން އެ މުވައްޒަފުންގެ ފަރާތުން ފެންނަ ޕާފޮމެންސްގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ހަދިޔާއެކެވެ.

ހަމައެއާއެކު މިއީ މުވައްޒަފުންނަކީ ކުންފުނީގެ ދިގު މުއްދަތުގެ ކާމިޔާބީގެ އަސްލު ކަމަށް ގަބޫލުކޮށް، އެމީހުންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ކުންފުނީގެ މެނޭޖްމަންޓުން ނިންމި ނިންމުމެއް ކަމަށް ގުރައިޝީ ވަނީ ވިދާޅުވެފައެވެ.

ޒުވާނުންތަކެއް އެންމެފަހުން ބާޒާރަށް ނެރުނު އައިފޯންތަކެއް ފިހާރައެއްގެތެރޭ ބަލާލަނީ--ފޮޓޯ/ގަލްފްނިއުސް

ކުންފުންޏަށް ލިބިފައިވާ ކުރިއެރުމާއި ރީތި ނަމަކީ މުވައްޒަފުންގެ ހިތްވަރާއި މަސައްކަތުގެ ނަތީޖާ ކަމަށް ބުނެ މިފަދަ އިނާމެއް ދިނުމުގެ މަގްސަދަކީ ހަމައެކަނި މުވައްޒަފުންނަށް ހަދިޔާއެއް ދިނުން ނޫން ކަމަށާއި، ކުންފުނީގެ ތެރޭގައި އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، އިތުބާރު، އަދި އެންމެން އެކުގައި ކުރިއަރައިދިއުމުގެ ސަގާފަތް އިތުރަށް ވަރުގަދަކުރުން ކަމަށްވެސް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ހައިދަރުއާބާދަށް ނިސްބަތްވާ އަސްލަމްގެ 'ޔުނިވަރސަލް މާބްލް' އަކީ ފެންވަރު ރަނގަޅު، އިތުބާރު ހުރި އަދި ފަންނީ ފުރިހަމަކަމާ އެކު މާބްލް އާއި ހިލައިގެ ބާވަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެއްޓެވި ވިޔަފާރިއެކެވެ.

ޔޫއޭއީ ގައި އެންމެ ފުރަތަމަ މި ކުންފުނި އުފެދުނު ނަމަވެސް، އަސްލަމްއަށް މި ދާއިރާއިން ލިބެމުންދިޔަ ތަޖުރިބާ އާއި ހަރުދަނާ ހިންގުމުގެ ނިޒާމުގެ އަލީގައި އަހަރުތަކެއްގެ ތެރޭގައި ކުންފުނީގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައެވެ.

މި ދާއިރާގެ ދިރާސާވެރިން ދެކޭގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމާއި، ވަފާތެރިކަމާއި، އަދި އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި މުވައްޒަފުންގެ ދުޅަހެޔޮކަމާއި އެމީހުންގެ ޝައުގުވެރިކަން ދެމެހެއްޓުމަކީ ކުންފުންޏަކަށް ބޭނުންވާނެ މުހިންމު އަސާސެކެވެ.

މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އިމާރާތްކުރުމާއި އިންޓީރިއާ ޑިޒައިން ފަދަ ވާދަވެރި އަދި ބުރަ މަސައްކަތްތައް ހިމެނޭ ދާއިރާތަކުގައި، މުވައްޒަފުންގެ ބައިވެރިވުން އިތުރު ކުރުމަށާއި، މުވައްޒަފުން ކުންފުނީގައި ދެމެހެއްޓުމަށް މިހާރު ކުންފުނިތަކުން ދޭ ސަމާލުކަން އަންނަނީ އިތުރުވަމުންނެވެ.

މަސައްކަތަށް ޝައުގުވެރިކަން ހުންނަ ޓީމުތަކާއި، ކުންފުނީގެ ހިންގުން ދިގު މުއްދަތަކަށް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަށްޓަކައި ޔުނިވަރސަލް މާބްލްގެ އިތުރުން އެހެނިހެން ބައެއް މުއައްސަސާތަކުން ވެސް އަންނަނީ މުވައްޒަފުންގެ އަގުވަޒަންކޮށް، އެކަށީގެންވާ މާނަހުރި އިނާޔަތްތަކެއް ފޯރުކޮށްދެމުން ކަމަށް ގަލްފްނިއުސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

comment ކޮމެންޓް