ރައީސް ޑރ. މުހައްމަދު މުޢިއްޒު، މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ މިއަދު އުފައްދަވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީއަކީ، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ރައީސް މުޢިއްޒު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭނެ އެޖެންސީއެކެވެ.
ރައީސް އޮފީހުން މިރޭ ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ 38ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" އުފައްދަވާފައިވާ ކަމަށެވެ.
އެ އެޖެންސީއަކީ ސްޕޯޓްސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި، ރައީސް މުޢިއްޒު ވަނީ ހަމަޖައްސަވައިފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީއަކީ އިދާރީ ގޮތުން ސްޕޯޓްސް މިނިސްޓްރީއާ ގުޅިފައިވާ އެޖެންސީއެއް ނަމަވެސް، އެ އިދާރާ ހިނގަމުންދާނީ ކުޅިވަރުގެ މައިދާނުގައި ޑޯޕިން ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅޭ މުސްތަގިއްލު ބޯޑެއްގެ ދަށުންނެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީއަށް ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ޖަހާނެ ނަންބަރަކީ، 1138 ކަމުގައި ރައީސް އޮފީހުން ވަނީ ކަނޑައަޅައިފައެވެ.
ގާނޫނުގައިވާ ގޮތުން ޔުނެސްކޯ ކޮންވެންޝަނާއި ވޯލްޑް އެންޓި ޑޯޕިން ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން ކުޅިވަރު މައިދާނުގައި ޑޯޕިން ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މުސްތަގިއްލު ބޯޑެއްގެ ދަށުން ހިންގާ "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" ގެ ނަމުގައި އެޖެންސީއެއް އޮންނަންވާނެއެވެ.
އަދި މި މާއްދާގެ ދަށުން އެކުލަވާލާ މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީގެ ބޯޑު އެކުލަވާލާނީ، ދިވެހިރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި، ބައިނަލްއަޤްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތްވާ ގޮތަށް ކުޅިވަރާބެހޭ ވަޒީރު ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.