ގޯލްޑަން ގްލޯބް ހަފްލާއަކީ ގްލެމާއަށް ބޮޑު ރެއެއް ނަމަވެސް މިފަހަރުގެ ހަފްލާގައިވެސް ފެނުނީ ރަތް ދޫލަމަތިން މިއަށް ވުރެން ފުން އަދި ވަރުގަދަ މެސެޖުތަކެއް ދިން މަންޒަރެވެ. ފެޝަނަކީ އިންސާފާއި އިންސާނިއްޔަތާ ބެހޭގޮތުން ވާހަކަ ފެތުރުމަށް ހިޔާރުކުރެވޭނެ އަޑުމަޑު ވަސީލަތެކެވެ.
ރަތްދޫލަމަތިން ފެނުނު އެންމެ ރީތި ހެދުމަށް އެކަނި ބަލާލުމުގެ ބަދަލުގައި މި ލިއުން މި ޚާއްސަ ކޮށްލަނީ އަޅައިގެން ހުރިހެދުމާ އެކު މި ފަހަރުގެ 83 ވަނަ ގޯޯލްޑަން ގްލޯބްސް ޕްލެޓްފޯމްގައި މުހިންމު އަދި މާނަހުރި މެސެޖުތައް ފޮނުވައި, މީޑިއާ މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރަން މަސަތްކަތް ކުރި ތަރިންނަށެވެ.

އެމެރިކާގެ ހިޖުރަވެރިންނާ މެދު އަމަލުކުރާ ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރުމަށް ބައެއް ތަރިން ވަނީ ”ބީ ގުޑް“ އާއި "އައިސީއީ އައުޓް“ ފަދަ މެސެޖުތައް ޖަހާފައިވާ ކުދި ޕިންތަކެއް ހެދުމުގައި ހަރުކޮށްފައެވެ.
މި ޕިންތަކަކީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) އާ ގުޅުން ހުރި ހާދިސާތަކުގައި މަރުވި, ރެނޭ ގުޑް އާއި ކީތު ޕްޓާ ފަދަ މީހުންގެ ހަނދާނުގައި އިންސާނިއްތުކަމުގެ ދިފާއުގައި ތެދުވުމަށް ގޮވާލައި ޖެހި ޕިންތަކެކެވެ. މާކް ރަފަލޯ, ނަތާޝާ ލިޔޯން, ވަންޑާ ސައިކްސް, ޖީން ސްމާޓް އަދި ޓެސާ ތޮމްޕްސަން ފަދަ އެކްޓަރުން ވަނީ ރަތް ދޫލައިގެ ލައިވް ބްރޯޑްކާސްޓުގެ ތެރޭގައި މި ޕިންތައް ދައްކާލައި, އެ މީހުންގެ ސްޓައިލް ބޭނުންކޮށްގެން މި މައްސަލަައަށް ސަމާލުކަން ގެެނެސްދީފައެވެ.

މީގެ އިތުރުން, ތަރިކައާއި އެ ބައެއްގެ ނަސްލުގެ މުހިންމު ވާހަކަތައްވެސް މެސެޖުތަކުގެ ގޮތުގައި ވަނީ ކިޔައިދީފައެވެ. ދަ ވޮއިސް އޮފް ހިންދު ރަޖަބް ފިލުމުގައި ހަރަކާތްތެެރިވި ފަލަސްތީން, ޖޯޑަން, އަދި ކެނެޑާއަށް ނިސްބަތްވާ ސަޖާ ކިލާނީ ލައިގެން ހުރީ ފަލަސްތީނުގެ ސަގާފީ ތޯބް ރަމްކޮށްދޭ ކަޅު ހެދުމެކެވެ. އޭނާގެ ހެދުމުގެ ކަރުން ފަލަސްތީނުގެ ތާރީހީ ތަތްރީޒް އެމްބްރޮއިޑަރީގެ މަސަތްކަތް ފެނިގެންދިޔައެވެ.
ތަތްރީޒްއަކީ ފަލަސްތީނުގެ ސަގާފަތާއި ގައުމުގެ ވާހަކަތަކާއި, ކުރީގެ ހަނދާންތަކާއި އެ ގައުމުގެ މީހުންގެ ކެތްތެރިކަން އެމްބްރޮއިޑަރީއިން ތަމްސީލުކޮށްދޭން ބޭނުންކުރާ މާނަ ފުން އަތްތެރި މަސަތްކަތެވެ.
ކިލާނީ ބުނި ގޮތުގައި މިފަދަ ބޮޑު ހަފްލާއެއްގައި އެ ހެދުން ލާން ބޭނުންވީ ފިލުމުގެ ފަހަތުގައިވާ ވާހަކައަށް އަލިއަޅުވާލުމަށާއި އޭނާގެ ގައުމުގެ ތަރިކަައާ މެދު ފަހުރުވެރިވާކަން ހާމަކުރުމަށެވެ.

ގޯލްޑަން ގްލޯބްސް ފަދަ އެވޯޑު ހަފްލާތަކުގައި ފަހަކަށް އައިސް ގިނައިން ފެންނަނީ ފެޝަން ބޭނުންކޮށްގެން އެކި ކަންކަމަށް ވަކާލާތު ކުރާތަނެވެ. މަޝްހޫރު ފަރާތްތަކުން އެ މީހުންގެ އެތައް މިލިއަން މީހުންގެ ޕްލެޓްފޯމް ބޭނުންކޮށްގެން މިފަދަ ހަފްލާތަކުގައި ހަމަ އެކަނި އެންމެ ރީތިކޮށް ހެދުން އަޅައިގެން ހުރެވޭތޯ ނުބަލައި ކަންކަމަށް ހޭލުންތެރިކުރުވުމަކީ އިސްކަންދޭ ކަމެކެވެ. މި ހަފްލާއިންވެސް ސާބިތުމިވީ ފެޝަނަކީ ހިޔާލުފާޅުކުރުމަށް ބޭޭނުންކުރެވޭނެ ވަރުގަދަ ވަސީލަތެއްކަމެވެ.