އަމިއްލަ ކްލިނިކްތަކާއި ފިހާރަތަކުން ހައްދާ އައިނަށް އާސަންދަ ދިނުން ފުޅާކޮށްފި

ސަރުކާރު އައިނު ފިހާރައިން ޚިދުމަތް ދިނުން: މި ފިހާރައިން އާއްމުންގެ އަތުން އިތުރު އަގެއް ނުނަގައި އާސަންދައިގެ ދަށުން އައިނު ހައްދައިދޭ-- ސަން ފޮޓޯ: މޫސާ ނަދީމް

އަމިއްލަ ގިނަ ކްލިނިކްތަކަކާއި، އައިނު ފިހާރަތަކަކުން މިއަދުން ފެށިގެން އައިނު ހައްދަން އާސަންދަ ޚިދުމަތް ލިބޭނެކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނަށް، އާސަންދަ ދިނުން މިއަދުން ފެށިގެން ފުޅާކުރާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ބުނީ މިދިޔަ މަހުގައެވެ.

އެއާއެކު މިއަދު އާސަންދަ ކުންފުނިން ވަނީ އަމިއްލަ ގިނަ ތަންތަން އިތުރުކޮށް އާސަންދަ ލިބޭނެ ތަންތަނުގެ ލިސްޓެއް ނެރެފައެވެ.

އެ ކުންފުނިން ބުނީ، އާސަންދަ ސްކީމުގެ ތެރެއިން ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން، އާސަންދަ ސްކީމުގައި ރަޖިސްޓްރީކޮށްފައިވާ އޮފްތަލްމޮލޮޖިސްޓުން ދޫކުރާ ލޮލުގެ ރިފްރެކްޝަން ޕްރިސްކްރިޕްޝަންތަކަށް އާސަންދަ ޚިދުމަތް އެމްޕެނަލްކުރެވިފައިވާ އައިނު ފިހާރަތަކުން މިއަދުން ފެށިގެން ޚިދުމަތް ލިބޭނެ ކަމަށެވެ.

އާސަންދައިން ވަނީ އެ ޚިދުމަތް ލިބޭނެ ޖުމްލަ 18 ތަނެއް ހާމަކޮށްފައެވެ. އެއީ:

  • އޭޑީކޭ ހޮސްޕިޓަލް
  • އެޑްވާންސް އައި ކްލިނިކް
  • އެޑްވާންސް މެޑިކަލް ކްލިނިކް
  • އެއިމްސް ޑައިގްނޯސްޓިކް ކެއާ
  • އަޒްމީ ނައީމް މެޑިކަލް އެންޑް ޑައިކްނޯސްޓިކް ސެންޓަރު (އޭއެމްޑީސީ)
  • ސިޓީ އޮޕްޓިކަލް ކްލިނިކް
  • އައިކެއާ ކްލިނިކް ހުޅުމާލެ
  • އައިކެއާ ހޮސްޕިޓަލް
  • އައިކެއާ ހޮސްޕިޓަލް ހުޅުމާލެ އެނެކްސް
  • ފާރޫކް ހެލްތުކެއާ
  • މޯލްޑިކެއާ
  • މެޑިކާ ހޮސްޕިޓަލް
  • ނޫސަންދަ
  • ސެނަހިޔާ
  • ޓްރީ ޓޮޕް ހޮސްޕިޓަލް
  • ވިޝަން ކްލިނިކް
  • ޕަބްލިކް ހެލްތު ފެސިލިޓީޒް

ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކުން ވިއްކާ އައިނުގެ އަގު ބޮޑުވުމުގެ ކަންބޮޑުވުންތައް އޮންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އައިނު ހައްދަން ލުޔެއް ދިނުމަށް ޓަކައި، މިދިޔަ ޖޫން މަހުން ފެށިގެން މި ސަރުކާރުން ވަނީ، ދެ އަހަރުން އެއް އަހަރު އައިނު ހައްދަން އާސަންދައިން ދޭ އެހީ 1،000 ރުފިޔާއިން 2،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މީގެ އިތުން، ސަރުކާރު މައި ހޮސްޕިޓަލް, އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ، ހިލޭ އައިނު ހެއްދޭ ގޮތަށް އައިނު ފިހާރަތައް ހުޅުވައިފައެވެ.

އެހެންނަމަވެސް، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ވަންނާތީ އެކަމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް