މިދިޔަ ހަފުތާގައި އެކަނި މާލެއާއި ބުރިޖުގައި 67 އެކްސިޑެންޓު

ބުރިޖު ކައިރީގައި ހިނގި އެކްސިޑެންޓެއް: މިދިޔަ ހަފުތާގައި އެކަނި މާލޭގައި 56 އެކްސިޑެންޓު ހިނގި --- ފޮޓޯ: ސަން

މިދިޔަ ހަފުތާގައި އެކަނި މާލެއާއި ބުރިޖުގައި 67 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެކްސިޑެންޓުތައް ގިނަވާ މައްސަލަ ބޮޑެވެ. ފުލުހުން އަންނަނީ މިހާރު ހަފުތާއަކު އެއް ފަހަރު މާލެއާއި ބުރިޖު އަދި ހައިވޭގައި ހިނގާ އެކްސިޑެންޓުތަކުގެ ތަފާސްހިސާބު އާންމުކުރަމުންނެވެ. އެ ގޮތުން، މިދިޔަ ހަފުތާގެ ހިސާބުތަކުން އެނގޭ ގޮތުގައި ޖުމުލަ 67 އެކްސިޑެންޓު ހިނގިއިރު، އޭގެ ތެރެއިން 56 އެކްސިޑެންޓު ހިނގީ މާލޭގައެވެ.

އެންމެ ގިނަ އެކްސިޑެންޓު ހިނގީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހެވެ. އެ ދުވަހު 13 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކުރިއިރު، ޖެހިގެން އައި ބުދަ ދުވަހު ވެސް 12 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

އެ އެކްސިޑެންޓުތަކުގެ ތެރެއިން މީހަކަށް ސީރިއަސް އަނިޔާއެއްވީ އެންމެ އެކްސިޑެންޓެއްގައި ކަމަށް ފުލުހުން ބުންޏެވެ. ބާކީ 66 އެކްސިޑެންޓުގައި ވެސް ސީރިއަސް އަނިޔާއެއް މީހަކަށް ލިބިފައިނުވާ ކަމަށް ތަފާސްހިސާބުތަކުގައިވެއެވެ. އެކަމަކު، އެ 67 އެކްސިޑެންޓުގައި ޖުމުލަ 87 އުޅަނދަކަށް ގެއްލުންވެފައިވެއެވެ.

ހިސާބުތަކުގައި ވާގޮތުން ސައިކަލަކާއި ސައިކަލެއް ޖެހިގެން 19 އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި، ސައިކަލަކާއި ކާރެއް ޖެހިގެން ވެސް 19 އެކްސިޑެންޓު ހިނގާފައިވެއެވެ. ކާރަކާއި ކާރެއް ޖެހިގެން ވެސް ހަ އެކްސިޑެންޓު ހިނގާފައިވެއެވެ.

ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި އެންމެ ގިނަ އެކްސިޑެންޓު ހިނގީ ދުވާލު ގަޑީގައެވެ. އެ ގޮތުން، ދުވާލު 46 އެކްސިޑެންޓު ހިނގިއިރު، ރޭގަނޑު ހިނގީ 21 އެކްސިޑެންޓެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގުމަކީ، އާންމު ކަމެކެވެ. ގިނަ އެކްސިޑެންޓުތަކުގައި މީހުންނަށް ސީރިއަސް އަނިޔާނުވި ނަމަވެސް ބައެއް އެކްސިޑެންޓުތަކުގައި ވަރަށް ބޮޑުވަރު ވެސް ވެއެވެ. އެ ގޮތުން، މީގެ ކުރިން އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލި، ބައެއް މީހުން ދާއިމީކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެފައި ވެސް އެބަހުއްޓެވެ.

comment ކޮމެންޓް