'އެ ބޭފުޅުންގެ' ޕްލޭން ބީއެއް ވެސް އޮތަސް، އާދަމް އާޒިމްގެ ޕްލޭން އޭއާއި ބީއަކީ ވެސް އެމްޑީޕީ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓު ހޯދުމަށް ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާއެއް ރޭ ވަނީ ބާއްވާފައެވެ.
އެ ޖަލްސާގައި ނިޔާޒު ވަނީ، މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓު ހޯދަން ވާދަކުރައްވާ އާޒިމްގެ ވާދަވެރިޔާ، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ތާއިދުކުރައްވާ އެމްޑީޕީ މެންބަރުންނަށް ނުސީދާކޮށް، ރައްދެއް ދެއްވާފައެވެ. އެއީ މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް, އެމްޑީޕީ ދޫކޮށް, ދަ ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް އުފެއްދި ވާހަކައެވެ.
މިގޮތުން، އެމްޑީޕީގެ ލީޑަރުންނަށް ކުރިން ހެދީ، ޕާޓީގެ މެންބަރުންގެ ތާއިދާއެކީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒާއި އާދަމް އާޒިމް ރޭގެ ކެމްޕެއިން ޖަލްސާގައި --- ސަން ފޮޓޯ/ ހުސައިން ހާފިޒް
"މިއަދު ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ތިމަންނާ މެން ތާއިދުކުރާ މީހާއަށް ވޯޓު ނުދޭ ކަމަށް ވެއްޖިއްޔާ، އޭނާ ޕްރައިމަރީގައި ފެއިލްވެއްޖިއްޔާ 2028ގެ [ރިޔާސީ އިންތިޚާބު] އެމްޑީޕީއަކަށް ކާމިޔާބެއް ނުވާނެޔޭ. މީ ކޮން ވާހަކައެއް ތޯ މި ދައްކަނީ" ނިޔާޒު ވިދާޅުވިއެވެ.
އެ ވާހަކައަށް އިޝާރަތްކުރައްވައި އޭނާ ވިދާޅުވީ، އާދަމް އާޒިމްގެ ޓީމުގެ ޕްލޭން އޭއާއި ބީއަކީ ވެސް އެމްޑީޕީ ކަމަށެވެ. ޕްރައިމަރީ ކޮންމެ ގޮތަކަށް ނިމިގެން ދިޔަ ނަމަވެސް، އިންތިޚާބުތަކުގައި ވޯޓު ދޭނީ 'ތިލަފަތަށް' ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހަރެއްގައި އެ ވިދާޅުވާ ބޭފުޅުންގެ ޕްލޭން ބީއެއް އޮވެދާނެ. ނަމަވެސް، އާދަމް އާޒިމް ޓީމުގެ އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕްލޭނެއް ނެތް މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް
އެ ޖަލްސާގައި ނިޔާޒް ވިދާޅުވީ، އާޒިމާއެކީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު ކެމްޕެއިނުން އަންނަ ހުކުރު ދުވަހު ބާއްވާ ޕްރައިމަރީގެ ނަތީޖާ ވަރަށް ސާފު ކަމަށެވެ. މިގޮތުން، ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ކެމްޕެއިން ތަޖުރިބާއާ ހަވާލާދީ، ނިޔާޒް ވިދާޅުވިއެވެ.

އާދަމް އާޒިމަށް ތާއިދުކުރައްވާ ބައެއް އެމްޑީޕީ މެންބަރުން ---- ސަން ފޮޓޯ/ ހުސައިން ހާފިޒު
އެމްޑީޕީއަކީ ލީޑަރުން އުފައްދާ ޕާޓީއެއް ކަމަށާއި އެ ޕާޓީއަކީ، ވަކި ލީޑަރުންގެ ތާއިދަށް ބަރޯސާވެފައި އޮތް ޕާޓީއެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ، މެންބަރުން ޒިންމާ ހަވާލުކުރާ ކޮންމެ މީހަކަށް ހުރުމުގެ ފުރުސަތު އޮތް ޕާޓީއަކަށް ވާތީ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
އެ ކަން އާދަމް އާޒިމް ސާބިތުކޮށްދެމުންދާ ކަމަށާއި އެމްޑީޕީ މެންބަރުންގެ ލޯތްބާއި ތާއިދު އާޒިމް ހޯދައިފިކަން ނިޔާޒު ފާހަގަކުރެއްވިއެވެ.
އާދަމް އާޒިމްގެ ވާދަވެރިޔާ، އަލީ އާޒިމުގެ ޓީމަށް ނިޔާޒު ރައްދުދެއްވިއިރު، ދެ އާޒިމްގެ ދެމެދުގައި ކެމްޕެއިން ވާދަވެރިކަން ވަރަށް ބޮޑެވެ. އަންނަ ހުކުރު ދުވަހު ޕްރައިމަރީ އޮތްއިރު، ކެމްޕެއިން ތެރެއިން ދެ ބޭފުޅުންގެ ދެމެދުގައި ހޫނު ރައްދުތައް އަންނަނީ ރައްދު ކުރައްވަމުންނެވެ.