ހިސާބު އިލްމުގެ އުނދަގޫ މައްސަލަތަކެއް އޭއައިއިން ހައްލުކޮށްފި

2013 ވަނަ އަހަރު ހާވާޑްގެ ހިސާބު އިލްމުވެރިޔާ ނޯމް އެލްކީސް ހުށަހެޅި ހައްލަށްވުރެ ފުރިހަމަ ހައްލެއް މި މޮޑެލްއިން ވަނީ ދައްކައިދީފަ ---

ހިސާބު އިލްމުގެ އުނދަގޫ މައްސަލަތަކެއް ހައްލުކުރުމުގައި އޭއައި އިން އާދަޔާޚިލާފު ކުރިއެރުމެއް ހޯދައިފިއެވެ.

ސޮފްޓްވެއާ އިންޖިނިއަރެއްގެ އިތުރުން ސްޓާޓަޕް ފައުންޑަރެއް ކަމަށްވާ ނީލް ސޯމާނީ، އޯޕަން އޭއައިގެ އެންމެ ފަހުގެ މޮޑެލް ކަމަށްވާ ޖީޕީޓީ 5.2 ބޭނުންކޮށްގެން ހިސާބު އިލްމުގެ ދާއިރާގައި ހައިރާންކުރުވަނިވި ކުރިއެރުމެއް ހޯދާފައިވާއިރު، އޭނާ ހުށަހެޅި އުނދަގޫ މައްސަލައަކަށް އެ މޮޑެލްއިން 15 މިނެޓުގެ ތެރޭގައި ވަނީ ފުރިހަމަ ހައްލެއް ނެރެދީފައެވެ. "ހާމޮނިކް" ކިޔާ ވަސީލަތަކުން ވަނީ އެ ހައްލަކީ ސައްހަ ހައްލެއްކަން ކަށަވަރުކޮށްދީފައެވެ.

މި މޮޑެލްއިން ހައްލު ހޯދުމުގައި ބޭނުންކުރި "ޗެއިން އޮފް ތޯޓް" ނުވަތަ ވިސްނުމުގެ ތަރުތީބު ފާހަގަކުރެވެނީ ވަރަށް ބޮޑަށެވެ. އެގޮތުން ލެޖެންޑްރޭސް ފޯމިއުލާ ފަދަ އުނދަގޫ ހިސާބު ގަވާއިދުތައް ބޭނުންކޮށް، 2013 ވަނަ އަހަރު ހާވާޑްގެ ހިސާބު އިލްމުވެރިޔާ ނޯމް އެލްކީސް ހުށަހެޅި ހައްލަށްވުރެ ފުރިހަމަ ހައްލެއް މި މޮޑެލްއިން ވަނީ ދައްކައިދީފައެވެ. މިއީ މަޝްހޫރު ހިސާބު އިލްމުވެރިޔާ ޕޯލް އާޑޯސްގެ ހައްލުނުކުރެވި ހުރި މައްސަލަތަކުގެ ތެރެއިން މައްސަލައެކެވެ.

https://sun.mv/216649

އޭއައިގެ މި ގާބިލުކަމާއެކު، ހިސާބު އިލްމުގެ ދާއިރާގެ ކުރިބޯށި މިހާރު ދަނީ އާ އުސްމިންތަކަކަށް ވާސިލުވަމުންނެވެ. މިދިޔަ ޑިސެމްބަރުން ފެށިގެން މިހާތަނަށް އާޑޯސްގެ ވެބްސައިޓުގައި "އޯޕަން" ނުވަތަ ހައްލެއް ނުފެނި ހުރި މައްސަލަތަކުގެ ތެރެއިން 15 މައްސަލައެއް ވަނީ "ހައްލުކުރެވިފައިވާ" ބަޔަށް ބަދަލުކޮށްފައެވެ. މީގެ ތެރެއިން 11 މައްސަލައެއް ހައްލުކުރުމުގައި އޭއައިގެ ބައިވެރިވުން އޮތްކަން ވަނީ ރަސްމީކޮށް ބަޔާންކޮށްފައެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ހިސާބު އިލްމުވެރިޔާ ކަމަށްވާ ޓެރެންސް ޓާއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އާޑޯސްގެ އަށް މައްސަލައެއްގައި އޭއައި އިން އަމިއްލައަށް ބޮޑެތި ކުރިއެރުންތައް ހޯދާފައިވެއެވެ. ޓާއޯ ވިދާޅުވި ގޮތުގައި، އިންސާނުންނަށް މާ ބޮޑު ސަމާލުކަމެއް ނުދެވި ހުންނަ ނަމަވެސް، އުނދަގޫ ހިސާބު މައްސަލަތައް ހައްލުކުރުމަށް އޭއައި އަކީ މިހާރު ވަރަށް މުހިންމު ވަސީލަތެކެވެ.

ހިސާބުގެ ސާބިތުކުރުންތައް ނުވަތަ ޕްރޫފްތައް ކަށަވަރުކުރުމަށް ބޭނުންކުރާ "ލީން" ފަދަ ސޮފްޓްވެއާތަކާއި، "އެރިސްޓޯޓަލް" ފަދަ އޭއައި ވަސީލަތްތަކުގެ ސަބަބުން މި މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. މިފަދަ ވަސީލަތްތަކުގެ ސަބަބުން ހިސާބުގެ އުނދަގޫ މައްސަލަތައް ފޯމަލައިޒްކުރުން ނުވަތަ ރަސްމީ ބަހަވީ އޮނިގަނޑަކަށް ފެއްތުން ވަނީ ކުރިއަށްވުރެ އަވަސްވެފައެވެ.

ހާމޮނިކްގެ ފައުންޑަރު ޓޫޑޯ އަޗިމް ފާހަގަކުރެއްވި ގޮތުގައި، އޭއައި އިން ހޯދާ ހައްލުތަކަށްވުރެ ބޮޑަށް އޭނާ ސަމާލުކަން ދެނީ ދުނިޔޭގެ ނަން މަޝްހޫރު ޕްރޮފެސަރުން މި ވަސީލަތްތައް ބޭނުންކުރަން ފެށުމަށެވެ.

މިއީ އޭއައި އިން ހޯދާ ނަތީޖާތަކުގެ އިތުބާރު ބޮޑުވަމުންދާކަމުގެ ވަރުގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު