އަބަދުވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ފަރާތުން ލިބެމުން އައި ލޯތްބާއި އިހުތިރާމު ދަމަަހައްޓައިދޭނަން ކަމަށާއި، ބަޔަކު ދިޔަޔަސް، އެމްޑީޕީން ހޮވައިދިން މަގާމަކަށް ވަޑައިގެން މެންބަރުންގެ ކޮޅުފައިން ނުޖައްސަވާނެ ކަމަށް، މާލޭގެ މޭޔަރު އާދަމް ޢާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި "ދެންވެސް އާދަމް ޢާޒިމް"ގެ ނަމުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ، އެމްޑީޕީ ފަޚުރުވެރިވާ ފަދަ މަސައްކަތެއް ކޮށްދެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މެންބަރުން ދިން ވޯޓުގެ ސަބަބުން ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް އޭނާގެ ފަރާތުން ނުފެންނާނެ ކަމަށެވެ.
"މިހާތަނަށް ބައެއް ބޭބޭފުޅުންނަށް ތިބޭފުޅުން ވޯޓުލުމުގެ ސަބަބުން ބޮޑެތި މަގާމުތަކަށް އައިސް ތިބޭފުޅުން ލަދުގަންނަވާލާ ތިބޭފުޅުންގެ ވެރިކަން ވައްޓާލާ ތިބޭފުޅުން މަގުމަތިކޮށްލާފަ ވަނީ، އަޅުގަނޑެއް އިރާދަކުރެއްވިއްޔާ އެ މީހަކަށް ދުވަހަކުވެސް ނުވާނަން،" މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އޭނާ އާ ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމަށް ދެއްވި ރައްދެއްގައި އާދަމް ޢާޒިމް ވިދާޅުވިއެވެ.
އޭރު އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް އުފެއްދެވި މެންބަރުންނަށް ފާޑުވިދާޅުވެ އާދަމް ޢާޒިމް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރު އޮޅުވާލައިގެން ނިމުމަކަށް ގެނައީ އެ ބޭފުޅުން ކަމަށެވެ.
"އެ ބަޔަކު މިއަދު ނިކުމެ ހަމަ އެ ޗަރުކޭސް ކުޅެގެން އެކަން ކުރުމުގެ ފުރުސަތެއް އެމްޑީޕީގެ މެންބަރުންނެއް ދެނެއް ނުދޭނެ،" އާދަމް ޢާޒިމް ވިދާޅުވިއެވެ.
މިއަދު ކޮރަޕްޝަން މަދު އެއް މުއައްސަސާއަކީ މާލޭ ސިޓީ ކައުންސިލު ކަމަށާއި، އެކަމަކު މި ސަރުކާރާއި ސަރުކާރު ގެންނަން "އެހީތެރިވި" މެންބަރުން އެކަން އެގޮތަށް އޮންނަން ނޭދޭނެ ކަމަށް ޢާޒިމް ވިދާޅުވިއެވެ.
އެއާއެކު، އޭނާ އާ އެކު ނިކުންނަ ކެންޑިޑޭޓުންނަށް ޕްރައިމަރީގައި ވޯޓު ދެއްވަން އެދިވަޑައިގެން، އާޒިމް ވިދާޅުވީ އޭނާ މަސައްކަތްކުރައްވާނީ ތެދުވެރި ފަރާތްތަކާ އެކު ކަމަށެވެ.
ގިނަ ކައުންސިލަރުން ތިއްބަވަނީ ކާޑު ޖަހައިގެން ގޭގައި ކަމަށާއި، ކައުންސިލަރުންގެ ގޮތުގައި ހޮވަންވީ ކަރައްޔިތުން ދެކެ ލޯބިވާ މީހުން ކަމަށް، ޢާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ކައުންސިލު ހިންގަން ދަތިވިކަމުގައި ވިޔަސް ބެއްލެވީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ކޮށްދެވޭތޯއެވެ.