އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ދެއްވަމުން ގެންދަވާއިރު، އެފަދަ ހަމަލައަކަށް ވަރުގަދަ ރައްދެއް ވެސް ދިނުމަށް އީރާނުން އޮތީ އެންމެ މަތީ ދަރަޖައިގެ އެލާޓްގައި ތައްޔާރަށް ކަމަށް އެ ގައުމުން ބުނެފިއެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކޮމާންޑަރު މުޙައްމަދު ޕަކްޕޫރު ވިދާޅުވީ، އީރާނުގެ ދުޝްމަނުން ކަމަށްވާ އިސްރާއީލާއި އެމެރިކާއަށް "ވަރުގަދަ" ރައްދެއް ދިނުމަށް އެގައުމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި އީރާނުގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ފަހަތުގައި ވަނީ އެ ދެ ގައުމު ކަމަށް އޭނާ ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއަށް ދެއްވި ބަޔާނެއްގައި ޕަކްޕޫރު ވިދާޅުވީ، ދުޝްމަނުންގެ ކުށްހީތަކަށް ވަރުގަދަ ރައްދެއް ދިނުމަށް އައިއާރުޖީސީ އޮތީ "އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ހާލަތެއްގައި" ކަމަށެވެ.
މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ އީރާނުގެ ޒުވާނުން ޤަތުލުކުރާ ބައެއް ކަމަށް ވިދާޅުވެ ޕަކްޕޫރު ވަނީ އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ތެހެރާނަށް އެމެރިކާއިން އެއްވެސް ބާވަތެއްގެ ހަމަލާއެއް ދީފިނަމަ، އެމެރިކާގެ މުހިންމު ތަންތަނަށް ވަރުގަދަ ރައްދު ހަމަލާ ދޭނެކަން އީރާނުން ވަނީ ވަރަށް ހާމަކޮށްފައެވެ.
އެހެންވެ ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ ބޭހުން އެމެރިކާގެ ސިފައިން ބާލައި، އެ ތަނުގައި ތިބި މީހުންގެ އަދަދު މަދުކުރުމަށް މަސައްކަތް ވަނީ ފަށައިފައެވެ.
މިދިޔަ ޖޫން މަހު އަލް އުދައިދު އެއާ ބޭސްއަށް އީރާނުން ހަމަލަ އަމާޒުކޮށްފައިވާތީ، އެއީ އެމެރިކާއަށް އޮތް ބޮޑު ނުރައްކަލެއް ނުވަތަ ބަލިކަށިކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މިއީ މަސްރަޙު އިތުރަށް ގޯސްވެގެންދާނެ ކަމުގެ ނިޝާނެކެވެ. ޓްރަމްޕް އީރާނުގެ ލީޑަރުންނަށް ކުރާ ފިއްތުންތައް އިތުރުކުރަމުންދާއިރު، އެމެރިކާއިން ވެސް ދަނީ ކުރިމަތިވެދާނެ ކަންކަމަށް ތައްޔާރުވަމުންނެވެ.