ކުޑަކުދިން ބޮޑުވަނީ އެ ކުދިން ބަލައިގަންނަ މާހައުލެއްގައިކަން ކަށަވަރުކުރަން ރާއްޖޭން އަބަދުވެސް އިސްކަންދޭ: އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް: ކުޑަކުދިން ހެދި ބޮޑުވަނީ ކަންކަމުގައި އެ ކުދިން ދެކޭ ގޮތް ބަލައިގަންނަ މާހައުލެެއްގައި ކަން ކަށަވަރުކުރުމަށް އަބަދުވެސް އިސްކަންދޭ ކަމަށް ވިދާޅުވި ---- ފޮޓޯ/ މަޖިލިސް

ކުޑަކުދިން ހެދި ބޮޑުވަނީ ކަންކަމުގައި އެ ކުދިން ދެކޭ ގޮތް ބަލައިގަންނަ މާހައުލެެއްގައި ކަން ކަށަވަރުކުރުމަށް ރާއްޖޭން އަބަދުވެސް އިސްކަން ދޭ ކަމަށް، ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން، 2021ވަނަ އަހަރު ރާއްޖޭން ހުށަހެޅި ރިޕޯޓު، އދ. ގެ ކުޑަކުދިންނާ ބެހޭ ކޮމިޓީން މުރާޖައާކުރުމަށް މިދިޔަ ދެ ދުވަހު ބޭއްވި ސެޝަންގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ކުޑަކުދިންނަކީ ރާއްޖޭގެ މުސްތަގުބަލު ކަމަށެވެ.

ކޮންމެ ކުއްޖަކުވެސް ބޮޑުވަނީ ރައްކާތެރިކަމާއި ކަރާމާތް ލިބިގެންކަމުގައި އެ ކުދިން ދެކޭ ގޮތް ބަލައިގަންނަ މާހައުލެއްގައިކަން ކަށަވަރުކުރަން ރާއްޖޭން އަބަދުވެސް އިސްކަން ދޭނެ ކަމަށާއި، ކުޑަކުދިންނަށް ރައްކާތެރި، އަދި އެ ކުދިންނަޑް އިހުތިރާމްކުރާ މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނީ، ފެބްރުވަރީ 11، 1991ގައި ރާއްޖޭން ބައިވެރިވި ކުޑަކުދިންނާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން ރާއްޖޭން ހުށަހެޅި ރިޕޯޓަކީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިދިނުމާ ގުޅޭގޮތުން އދ. ގެ ކުޑަކުދިންނާ ބެހޭ ކޮމިޓީން ރާއްޖެއަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާއި، 2016އިން 2021ގެ ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖޭން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓެއް ކަމަށެވެ.

މި ރިޕޯޓު މުރާޖައާކުރުމަށް ޓަކައި މިދިޔަ ދެ ދުވަހު، ދެ ދަންފަޅިއަކަށް ބަހާލައިގެން ބޭއްވި ސެޝަންގައި، މި މުއާހަދާ ތަންފީޒުކުރުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީއަށް ރާއްޖޭގެ ވަފުދުން ޖަވާބުދާރީވެފައިވާ ކަމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ، މި ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގައި ހިމެނެނީ އުޝާމާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙުސާނާއި ބަންޑާރަނައިބުގެ އޮފީހާއި ފޮރިން މިނިސްޓްރީއާއި ސޯޝަލް މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާއި އދ. އަށް ރާއްޖޭން ކަނޑައަޅާފައިވާ މިޝަންގެ އޮފިޝަލުން ކަމަށެވެ.

comment ކޮމެންޓް