މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ އެ މަގާމުން ވަކިކޮށްފިއެވެ.
ޝިއުނާ މަގާމުން ވަކިކުރިކަން ޕެންޝަން އޮފީހުން "ސަން" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ޝިއުނާ މަގާމުން ވަކިކުރިއިރު، މިދިޔަ ސެޕްޓެމްބަރު 23، އިން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ.
ޕެންޝަން އޮފީހުން ބުނީ ޝިއުނާ ވަޒީފާއިން ވަކިކޮށްފައިވަނީ، މުވައްޒަފުން އަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެގެން ކަމަށާއި އެ މައްސަލަ ފުރިހަމަ ތަޙުގީގުކުރުމަށްފަހު، ޖަވާބުދާރީވުމަށް ފުރުޞަތު ވެސް ދިނުމަށް ފަހުގައި ކަމަށެވެ.
ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކުރިއިރު، އެ މަގާމާ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިއުނާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
އޭނާއަކީ ވެރިކަން ހިންގުމުގެ ނިޒާމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި، އިދާރާތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ ދާއިރާއިން 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
ޝިއުނާ ވަނީ ޔުނިވަސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް (ސޯއަސް) އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ އަދި ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަސިޓީން ހިސްޓްރީގެ ދާއިރާއިން ބެޗްލާ އޮފް އާޓްސް ހާސިލުކުރައްވާފައެވެ.
މީގެ އިތުރުން ޔުނިވަސިޓީ އޮފް ލަންޑަނުގެ ބާކްބެކް ކޮލެޖުން ސިޔާސީ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.
ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީހުގެ ހިންގުމަށް މި ފަހުން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ.