މާލޭގެ ގެއަކުން ވަގަށް 127 އަނބު ބިން މީހަކު ޖަލަށްލާން ހުކުމްކޮށްފި

ލޯކަލް މާރުކޭޓް ގޮޅިއެއްގައި ތާޒާ ދޮން އަނބުތަކެއް --

މާލޭގެ ގެއަކުން ވަގަށް އަނބު ބިން މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރީ ކ. ދިއްފުށީ މީހެއްގެ މައްޗަށެވެ. އެ މީހާގެ މައްޗަށް ދައުލަތުން ވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމާއި، ވައްކަން ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މި ހާދިސާ ހިނގީ މިދިޔަ ސެޕްޓެންބަރު ހައެއްގައެވެ. ދައުވާގައި ވާގޮތުން އެ މީހާ ވަނީ ގ. ކަންޒުދޮށުގެއަށް އެ ގޭގެ ވެރިފަރާތުގެ ހުއްދަ ނެތި ވަދެފައިވެއެވެ. އަދި، އެ ގޭގައި ހުރި އަނބު ގަހުން 127 އަނބު ބިނދެފައިވާ ކަމަށް ދައުވާގައިވެއެވެ.

އެ މީހާ ވަނީ އެ ކުށަށް ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންވެ، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އޭނާއަށް ކްރިމިނަލް ކޯޓުން ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި، ވައްކަންކުރުމުގެ ކުށުގައި އޭނާއަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ވައްކަމުގެ މައްސަލަތައް ވަރަށް ގިނައިން ރިޕޯޓުކުރާއިރު އަނބު ފަދަ ތަކެތި ވަގަށް ނެގުމުގެ މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވެފައިވެއެވެ.

ފުލުހުން މީގެ ކުރިން ވަނީ ތަކުރާރުކޮށް ވައްކަންކުރާ ހާހެއްހާ މީހުން މާލޭގައި އުޅޭ ކަމަށް ބުނެފައެވެ.

ތަކުރާރުކޮށް ވައްކަން ކުރާ މީހުން ވަރަށް ގިނައިން އެ ފަދަ މައްސަލަތަކުގައި ހައްޔަރުކުރެއެވެ. ޚާއްސަކޮށް ސައިކަލު ފަދަ ތަކެތި ވަގަށް ނަގާ މައްސަލަތައް މި ފަހުން އިތުރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް