ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކާ އެކު އެއްބަސްވުމެއް، އިއްވީ 11 އަހަރުގެ ހުކުމެއް

ކުޑަކުދިން ރައްކާތެރިކުރަން ގޮވާލާ ބޭއްވި މުޒާހަރާއެއް: ކުޑަކުއްޖަކާ ބެހުނު މީހަކާ އެކު އެއްބަސްވުމެއް ހެދުމުން އިއްވީ 11 އަހަރުގެ ހުކުމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކާ އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިއީ ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައެއްކަމުން މައްސަލައިގެ މާ ބޮޑު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ. އެކަމަކު، ދައުވާ ރައްދުވާ މީހާއާ އެކު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ.

އިއުތިރާފުގެ އެއްބަސްވުން ހެދުމުން އާންމު ގޮތެއްގައި އަދަބަށް ލުއިތަކެއް ދެއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މަހު 31 ގައި މި މައްސަލައިގައި ކުރި ހުކުމުގައި ދައުވާ ރައްދުވާ މީހާއަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ގާނޫނުގައި ވާގޮތުން މި ކުށުގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އެހެންވެ، 14 އަހަރުގެ އެންމެ ބޮޑު ހުކުމް އިއްވުމުގެ ބަދަލުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެއްބަސްވުމުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އެކަމަކު، މިއީ ކުޑަކުއްޖެއް ހިމެނޭ މައްސަލައަކަށްވާތީ، މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އާންމެއް ނުކުރާނެއެވެ. އެހެންވެ، އަދަބު ކަނޑައެޅި ސީދާ ގޮތެއް ނޭނގެއެވެ.

comment ކޮމެންޓް