މިދިޔަ މަހު ޑެންގީގެ 413 ކޭސް، ވަރަށް ބޮޑު އިތުރުވުމެއް

އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގައި ކުރިއަށްގެންދިޔަ "ޑެންގީ އިޖާބަ" ހަރަކާތުގެ ތެރެއިން މަދިރި އާލާވާ ތަންތަން ސާފު ކުރުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނިމިދިޔަ ޑިސެމްބަރު މަހު ރާއްޖޭން ޑެންގީ ޖެހިގެން, 413 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު, މަދިރީގެ ޒަރީޔާއިން ޖެހޭ މި ބަލި މި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު 413 ޑެންގީ ކޭސް ރިޕޯޓް ކޮށްފައިވާއިރު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިޕޯޓް ކޮށްފައިވަނީ އެ ބަލީގެ އެންމެ 70 ކޭސް އެވެ. އެހެންކަމުން މިއީ 490 ޕަސެންޓް އިތުރުވުމެކެވެ.

މިދިޔަ އަހަރު ނޮވެންބަރު މަހާ އަޅާބަލާއިރުވެސް ޑެންގީގެ ކޭސްތައް މި ވަނީ ޑިސެމްބަރު މަހު އިތުރުވެފައެވެ. ނޮވެންބަރުގައި ރިޕޯޓް ކޮށްފައިވަނީ އެ ބަލީގެ 382 ކޭސްއެވެ.

https://www.sun.mv/215593

ރާއްޖޭގައި ޑެންގީ ހުން އިތުރުވަމުން އަންނާތީ، ރައްކާތެރިވުމަށް, އެޗްޕީއޭއިން މިދިޔަ މަހު ވަނީ އިރުޝާދު ވެސް ދީފައެވެ. އެހެންކަމުން މަދިރީގެ ކިބައިން ރައްކާތެރިވުމާއި، މަދިރި މަދުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ހުން ފެތުރެނީ، އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށް ފަހު، ގޮސް އެހެން މީހުންގެ ގައިގައި ހެފުމުންނެވެ.

އެޗްޕީއޭއިން ބުނީ ޑެންގީ ހުން ޖެހިއްޖެނަމަ ގިނައިން އަރާމު ކުރުމާއެކު ދިޔާ ތަކެތި ބުއިން އިތުރުކުރަން ވާނެ ކަމަށެވެ. އަދި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށް ސަމާލުކަން ދިނުމާއެކު ހުން މަޑުކުރުމަށާއި ގައިގެ ރިހުމަށް ޕެނެޑޯލް ނުވަތަ ޕެރެސެޓްމޯލް ފިޔަވާ އިތުރު ބޭސްތައް ބޭނުން ނުކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މަދިރިން ރައްކާތެރިވުމަށްޓަކައި މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރުމަށާއި، މަދިރި ގޭތެރެއަށް ވަނުން މަދުކުރުމަށް ކުޑަދޮރު އަދި ޖާލިފަދަ ތަންތަނުގައި މަދިރި ދާ ޖެހުމަށް ވަނީ އެދިފައެވެ. އަދި މީގެ އިތުރުން މަދިރި އާންމުކޮށް ގިނަވާ ވަގުތުތަކުގައި ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި އީޑީސް މަދިރި އެންމެ ގިނަ ވަނީ ހެނދުނުގެ ވަގުތުގައެވެ. އެކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަ ވާނީ ދުވާލުގެ ވަގުތުތަކުގައި ކަމަށެވެ. އެހެންކަމުން ހުރިހާ ވަގުތެއްގައި ވެސް ވީހާ ވެސް ބޮޑަށް ހަށިގަނޑު ނިވާކުރުމަށް މުހިންމު ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ ޑެންގީއިން ސަލާމާތްވުމަށް އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅުކަން ފާހަގަކޮށް އެޗްޕީއޭއިން ބުނެފައި ވަނީ ގެއާއި ގޯތި ތެރޭގައި ފެން ހަރުލާހެން ހުންނަ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ސާފުކުރަން ވާނެކަމަށެވެ. އަދި ގަސްމުށްޓާއި ތާންގީ ފަދަ ތަކެތި ފެން ނޭޅޭނެހެން ބަންޑުން ޖެހުމާއި މަތިއެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އީޑީސް މަދިރި: ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެއް --

އެހެން އާއްމު ބަލިތަކަށް ބަލާއިރު އަރިދަފުސް ރޯގާގެ ކޭސްތައް ޑިސެމްބަރު މަހު ވަނީ މަދުވެފައެވެ. މިދިޔަ ނޮވެންބަރު މަހު އަރިދަފުސް ރޯގާގެ 32859 ކޭސް ރިޕޯޓް ކޮށްފައިވާއިރު ޑިސެމްބަރު މަހު ރިޕޯޓް ކޮށްފައިވަނީ 28619 ކޭސްއެވެ. އެއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ވެސް މަދު އަދަދެކެވެ. އެ އަހަރުގެ ޑިސެމްބަރު މަހު 30590 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.

ބޭރަށް ހިންގުމުގެ ކޭސްތަކަށް ބަލާއިރު ވެސް މިދިޔަ އަހަރުގެ ނޮވެންބަރު މަހަށް ވުރެން ޑިސެމްބަރު މަހު ވަނީ ކޭސްތައް ދަށަށް ގޮސްފައެވެ. ނޮވެންބަރުގައި 4102 މީހަކަށް އެ ބަލި ޖެހިފައިވާއިރު ޑިސެމްބަރު މަހު އެ ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 2931 ކޭސްއެވެ.

comment ކޮމެންޓް